Roadha Mihaaru
ރާއްޖޭގެ ދަރަނީގެ 45 ޕަސެންޓް ދައްކަނީ ޗައިނާއަށް

ރާއްޖޭގެ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހެނީ ޗައިނާއަށް: ވޯލްޑް ބޭންކް

17 ޖޫން 2020

ރާއްޖޭގެ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހިފައިވަނީ ޗައިނާގެ ބޭންކްތަކަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހިފައިވަނީ ޗައިނާގެ ބޭންކްތަކަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ނެރެފައިވާ "އިން ސްޓޯމީ ސީސް" ރިޕޯޓުގައި ވާ ގޮތުން މި ހާލަތުގައި ވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިގްތިސާދީ ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވުމެވެ. އެގޮތުން މި އަހަރު އެކަނި ވެސް މާލީ އިދާރާތަކަށް 219 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަން ޖެހެ އެވެ. މީގެ 45 ޕަސެންޓް ހިއްސާވަނީ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ އާއި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އާއި ޗައިނާ ޑިވަލޮޕްމެންޓް ބޭންކަށެވެ.

އެކަމަކު ކޮވިޑް-19ގެ ހާލަތާ އެކު ޗައިނާ އިން މިހާރު ވަނީ މި އަހަރު ދައްކަން ހުރި ލޯނުތައް ސަސްޕެންޑް ކޮށްދީފަ އެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.

ކޮވިޑް-19ގެ ކުރިން ވެސް ރާއްޖެ ހުރީ ނިސްބަތުން ވަރަށް މަތީގަ އެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ބޮޑު ވެއްޓުމާ އެކު ގައުމު ހިންގުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް ބަރޯސާވާ މިންވަރު ވަނީ މަތިވެފަ އެވެ.

ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހެނީ ރާއްޖޭގައި ހިންގި އަދި ހިންގަމުން އަންނަ ބޮޑެތި ޕްރޮޖެކްޓްތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. މިގޮތަށް އެންމެ ގިނަ ލޯނުތަކެއް ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ރާއްޖޭގެ ދަރަނި 55.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. ކޮވިޑް-19ގެ ސަބަބުން، މި އަހަރު ނިމޭ އިރު، އެ އަދަދު 70 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ކޮވިޑް-19 އިން ދިމާވި އިގުތިސާދީ ވެއްޓުމުން އަރައިގަތުމަށް ދުވަސް ނަގާނެ އެވެ. އެގޮތުން 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ވެއްޓުނު ވެއްޓުމުން އަރިގަތުމަށް ހޭދަވި ދުވަސްތަކަށް ވުރެ މި ފަހަރު އިގުތިސާދު ހަމަޔަކަށް އަޅުވަން ނަގާ މުއްދަތު އިތުރުވާނެ ކަމަށް ވެސް އެ ބޭންކުން ލަފާކުރެ އެވެ.

މި އަހަރު ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން މައިނަސްގައި ހުއްޓަސް، އަންނަ އަހަރު 8.5 ޕަސެންޓްގައި ކުރިއަށް ދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.