07 އޮކްޓޯބަރ 2021
ގަލޮޅު ދަނޑުގައި ސާޕް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު، ނުވަތަ "މަހަލް-ދޭޝް ޑާބީ" އަކީ ދެ ޓީމަށް ވެސް އެ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމު މެޗެކެވެ. ދިވެހި ފަސްގަނޑުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާއިރު، މިއީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަނޑަށް ކުޅިބެލުންތެރިން ނުވަދެ ހޭދަވި ދިގު މުއްދަތަށް ފަހު ދަނޑަށް ކުޅިބެލުންތެރިން ވައްދަން ފެށި ފުރަތަމަ މުބާރާތެވެ.
ގަލޮޅު ދަނޑުގައި ސާޕް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު، ނުވަތަ "މަހަލް-ދޭޝް ޑާބީ" އަކީ ދެ ޓީމަށް ވެސް އެ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމު މެޗެކެވެ. ދިވެހި ފަސްގަނޑުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާއިރު، މިއީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަނޑަށް ކުޅިބެލުންތެރިން ނުވަދެ ހޭދަވި ދިގު މުއްދަތަށް ފަހު ދަނޑަށް ކުޅިބެލުންތެރިން ވައްދަން ފެށި ފުރަތަމަ މުބާރާތެވެ.
އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމެއް ކުޅޭ މެޗުތައް އާއްމުކޮށް މަޝްހޫރުވެފައި ވަނީ ޑާބީގެ ނަމުންނެވެ. އިނގިރޭސި ވިލާތުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗު މަޝްހޫރުވެފައި ވަނީ މެންޗެސްޓާ ޑާބީގެ ނަމުންނެވެ. އިޓަލީގައި ނަމަ އިންޓަ މިލާނާއި އޭސީ މިލާނުގެ މެޗަކީ މިލާން ޑާބީ އެވެ. އަދި ސްޕޭންގައި ނަމަ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުގެ މެޗަކީ މެޑްރިޑް ޑާބީ އެވެ.
ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި ވެސް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އިރު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް މިރޭ ކުޅޭ މެޗަކީ އެއްގޮތަކުން އެ މީހުންނަށް ވެސް ހޯމް މެޗެކެވެ. ނަމަވެސް ބަންގްލަދޭޝްގެ ސަޕޯޓަރުން ބޭނުންވި އަދަދަށް ޓިކެޓް ވިއްކައިފައެއް ނުވެ އެވެ. ހުރިހާ ޓީމެއް އެއްބަސްވެގެން ނިމްމާފައި ވަނީ އަވޭ ޓީމަށް ހަތަރު ޕަސެންޓް ޓިކެޓް ވިއްކުމަށެވެ. އެހެންވެ މިރޭ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކީ 200 ޓިކެޓެވެ.
އެހެން ނަމަވެސް މާލޭގައި ބަންގްލަދޭޝްގެ ބޮޑު އާބާދީއެއް ދިރިއުޅުމާ އެކު މިރޭގެ މެޗު އެއްބަޔަކު ސިފަކޮށްފައި ވަނީ މަހަލް-ދޭޝް ޑާބީގެ ގޮތުގަ އެވެ.
މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕް މުބާރާތުގެ ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ހޯސްޓް ކުރި ނަމަވެސް އެ މެޗްތައް ކުރިޔަށް ގެންދިޔައީ ވެސް ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ގަލޮޅު ދަނޑުގައި ބައްދަލުކުރީ 2016 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. ބަންގްލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންނެއް ކުޅިބަލަން ދަނޑަށް ވަންއިރު ރާއްޖޭން މެޗް ކާމިޔާބުކުރީ 5-0 އިންނެވެ.
ދަނޑަށް ކުޅިބަލަން ވަންނަ ދިވެހި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ޓީމަށް ހިތްވަރު ލިބެއެވެ. ޓީމު ދެރަވިޔަސް، އެއްވަރުވިޔަސް އަދި މޮޅުވިޔަސް ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި ގައުމީ ޖޯޝެއް ނުކެނޑެއެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެޓީމް ކުޅޭ މެޗުގެ ޓިކެޓު ވިއްކަންފެށިތާ ހައެއްކަ ގަޑިއިރުތެރޭ މެޗަށް ވިއްކަން ހަމަޖެހުނު ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނައިރު އޭގެތެރޭގައި ބަންގްލަދޭޝްގެ ބޮޑު އާބާދީއެއް އުޅެއެވެ. ރާއްޖޭގައި ކުޅޭ މެޗަކަށްވެފައި އެއްކޮޅުން މުބާރާތުގެ ހޯސްޓް ބައްދަލުކުރާއިރު، އުސޫލެއްގެ ގޮތުން އަވޭ ޓީމް ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ވަކި އަދަދަކަށެވެ. މިރޭގެ މެޗުގެ އަވޭ ޓީމް، ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހުނީ 200 ޓިކެޓް ކަމަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ޓިކެޓް ގަންނަން ކައުންޓަރު ދޮށުގައި ކިޔޫ ހަދާލާފައި ތިއްބައި، މަދު ވަގުތުކޮޅެއް ތެރޭ އެ ޓިކެޓްތައް ހުސްވުމުން އެސަރަހައްދުގައި ތިބި އެގައުމުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސަލާމާތީ ބާރުތަކުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ޖެހުނުއިރު، ސަޕޯޓަރުން ދަނޑަށް ދާން ބޭނުންވެފައި ތިބި ވަރުން ކަޅު ބާޒާރުގައި 500ރ. އިން ފެށިގެން 2000ރ. އަށް ވެސް ޓިކެޓް ގަންނަން ފެށި އެވެ.
މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން ދެ ޓީމު ވެސް އުއްމީދުކުރާނީ ފުރިހަމަ ތިން ޕޮއިންޓަށެވެ. ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ރާއްޖެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވީ ފަހު ވަގުތު ވަން ލަނޑަކާ އެކު 1-0 އިންނެވެ. ގޯލު ނުޖެހުނު ނަމަވެސް ރާއްޖޭން ވަނީ މުޅި މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނޭޕާލް ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
ރާއްޖެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ގޯލަށް ހަމަލާއެއް ފޮނުވާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ބަންގްލަދޭޝް މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު ދެ މެޗްގައި ވެސް އެ ޓީމު ފެނުނީ ވަރުގަދަކޮށެވެ. ފުރަތަމަ މެޗުގައި 1-0 އިން ސްރީ ލަންކާ މައްޗަށް ކުރި ހޯދިއިރު، ދެވަނަ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ، ބަންގްލަދޭޝް ވަނީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާ 1-1 އިން އެއްވަރު ކޮށްފަ އެވެ.
ފަސް ޓީމު ވާދަކުރާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ނޭޕާލެވެ. ބަންގްލަދޭޝް ދެވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އިންޑިއާ އަދި ރާއްޖެ މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ. އިންޑިއާ މިއަދު ހަވީރު ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި ސްރީ ލަންކާއާ އެވެ. ރާއްޖޭގެ ޓީމު މިރޭ މެޗުން މޮޅު ނުވެވިއްޖެ ނަމަ މުބާރާތުގެ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު މުޅިންހެން ގެއްލޭނެ އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އިދިކޮޅު ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ، ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކާ އެކު މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. ރާއްޖޭގެ ކޯޗު އަލީ ސުޒޭނާ ދެކޮޅަށް އޭނާ ނުކުންނަ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ސްޕެއިންގެ އޮސްކާ ބުރުޒޯން ބަރޭރަސް ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން މަދު ދުވަސްކޮޅުތެރޭ ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.
މި މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޮސްކާ ވަނީ ރާއްޖޭގެ އެޓޭކްގެ ވަރުގަދަ ވާހަކަ ދައްކައިފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި ކީޕަރު ފައިސަލް ހިމެނޭހެން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ މީގެ ކުރިން ކްލަބް ލެވެލްގައި އޮސްކާގެ އިތުބާރި ހޯދާފައިވާ ކުޅުންތެރިންނެވެ.
އެހެން ނަމަވެސް މިރޭ ރާއްޖެއާ ދެކޮޅަށް އޮސްކާ ނުކުންނާނީ ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަން 90 މިނިޓަށް އެއްފަރާތް ކޮށްލައިފަ އެވެ.
ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި 1997 ވަނަ އަހަރު ވާދަކުރަން ފެށިއިރު ފުރަތަމަ ނުކުންނަން ޖެހުނީ ވެސް ބަންގްލަދޭޝްއާ އެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެއަށް ފަހު ރާއްޖޭން ބަންގާޅާ ދެކޮޅަށް ކުޅުނީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވި އެ އަހަރު އެ ގައުމުން ވަނީ މުބާރާތުގައި ރާއްޖެ ދެ ފަހަރު ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިކުރިއިރު، ފައިނަލުގައި ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. އެއަށް ފަހު ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ދެ މެޗުވެސް ކާމިޔާބުކުރީ ދިވެހިރާއްޖެ އެވެ.
- 1997 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ދިވެހިރާއްޖެ 1-1 ބަންގްލަދޭޝް
- 2003 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ބަންގްލަދޭޝް 1-0 ދިވެހިރާއްޖެ (ގުރޫޕް ސްޓޭޖް)
- 2003 ސާފް ޗެމްޕިއަންޝިޕް (ފައިނަލް): ބަންގްލަދޭޝް 1-1 [5-3 ޕެނަލްޓީ] ދިވެހިރާއްޖެ
- 2011 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ދިވެހިރާއްޖެ 3-1 ބަންގްލަދޭޝް
- 2015 ސާފް ޗެމްޕިއަންޝިޕް (ގުރޫޕް ސްޓޭޖް): ބަންގްލަދޭޝް 1-3 ދިވެހިރާއްޖެ
ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއަށް ޕްރެޝަރެއް
ބަންގްލަދޭޝް އަތުން ރާއްޖޭގެ ދެ ޓީމު ވެސް ބަލިވެއްޖެ
އިންޑިއާ އަށް ގޯލް ނުޖެހޭތީ ހައިރާންވޭ: ސްޓިމަކް
އޮސްކާ ބުނަނީ ރެފްރީ ހުރީ ރާއްޖެއާއެކު ކަމަށް
މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް އުއްމީދު
އެކުވެރިކަން އެއްފަރާތް ކުރުމަށް ފަހު ރާއްޖެއާ ދެކޮޅަށް
"ނޭޕާލް މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިއްޖެ"
ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް
ހަ ގަޑިއިރުތެރޭ 5,000 ޓިކެޓް އެއްކޮށް ވިކިއްޖެ
ރާއްޖެއާ މެދު އޮސްކާ ބެލީ ރޭންކިން އަށް