Roadha Mihaaru
ހަ ގަޑިއިރުތެރޭ 5,000 ޓިކެޓް އެއްކޮށް ވިކިއްޖެ

ހަ ގަޑިއިރުތެރޭ 5,000 ޓިކެޓް ވިކި ހުސްވެއްޖެ

05 އޮކްޓޯބަރ 2021

ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަންފެށިތާ ހަ ގަޑިއިރެއްހާއިރު ތެރޭ ޓިކެޓްތައް ވިކި ހުސްވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަންފެށިތާ ހަ ގަޑިއިރެއްހާއިރު ތެރޭ ޓިކެޓްތައް ވިކި ހުސްވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗްތަކަށް މި އަހަރު ދަނޑަށް ސަޕޯޓް ކުރަން ވަދެވޭނީ މެޗަކަށް 5،000 ސަޕޯޓަރުންނަށެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 200 ޓިކެޓެވެ. މިއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތަރު ޕަސެންޓެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗަށް ބަންގްލަދޭޝް ސަޕޯޓަކުންނަށް ވިއްކަން ހަމަޖެހިފައިވާ 200 ޓިކެޓް ވަނީ މެންދުރާ ހަމައަށް ވިކި ހުސްވެފަ އެވެ. ހަތްވަނަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓް ވެސް ވިއްކަން ފެށީ މިއަދު ހެނދުނު 10 ޖެހިއިރެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑަށް ވައްދާނީ ވެސް އަވޭ ޓީމަށް ކަނޑައެޅިފައިވާ ޒޯނުގެ ގޭޓުންނެވެ. އަދި ދަނޑަށް ވައްދާނީ ގޭޓް ސެކިއުރިޓީން އެ މީހުންގެ އައިޑީ ޗެކް ކުރުމަށް ފަހު އެވެ.

މިއަދު މެންދުރު އެފްއޭއެމުން ވަނީ ސޯޝަލް މީޑިއާގައި ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ހާއްސަ އެންގުމެއް ވެސް ހިއްސާކޮށްފަ އެވެ. މި އެންގުމުގައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ، ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގައި އެހެން ގައުމުގެ ސަޕޯޓަރުންނަށް ކުޅިބަލަން ނުވަދެވޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭނީ ވޯކް ޕާމިޓް ނުވަތަ ވިސާ ދެއްކުމަށް ފަހު ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން ދާއިރު، އެ ޓީމު ކުޅޭ މެޗުތަކަށް ދަނޑަށް ވަންނަ ޓިކެޓަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މީގެ ކުރިން ވެސް ގަލޮޅު ދަނޑުގައި ބަންގްލަދޭޝްގެ ގައުމީ ޓީމު ނުވަތަ ކުލަބެއް ކުޅުނަސް އެ ޓީމަކަށް ސަޕޯޓުކުރަން އެ ގައުމުގެ ގިނަ ރައްޔިތުން ދަނޑަށް ވަދެއެވެ. މި ސަބަބާހުރެ ރާއްޖެއަކީ ބަންގަލަދޭޝްގެ ދެވަނަ ހޯމް ކަމަށް އެ ގައުމުގެ ކޯޗު އޮސްކާ ބުރުޒޯން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ.