Roadha Mihaaru
ރާއްޖެއާ މެދު އޮސްކާ ބެލީ ރޭންކިން އަށް

ރާއްޖެއާ މެދު އޮސްކާ ބެލީ ރޭންކިން އަށް

28 ސެޕްޓެމްބަރ 2021

ރާއްޖޭގެ ރޭންކިން އަށް ބަލާއިރު ބަންގްލަދޭޝް އަށް ރާއްޖެ ބަލި ކުރެވޭނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ރޭންކިން އަށް ބަލާއިރު ބަންގްލަދޭޝް އަށް ރާއްޖެ ބަލި ކުރެވޭނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އަށް ދަތުރު ކުރުމުގެ ކުރިން ޑާކާގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އޮސްކާ ބުނީ ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 150 އަށް ވުރެ ދަށުގައި ކަމަށެވެ. އެހެންވެ ބަންގްލަދޭޝްގެ މިހާރުގެ ޓީމުގެ ފެންވަރަށް ބަލާއިރު އޭނާގެ ޓާގެޓަކީ ރާއްޖެ އަތުން މޮޅުވުން ކަމަށް އޮސްކާ ބުންޏެވެ.

ރާއްޖެ މި ވަގުތު އޮތީ ދުނިޔޭގެ 158 ވަނައިގަ އެވެ. ބަންގްލަދޭޝް އޮތީ ފީފާ ރޭންކިންގެ 185 ވަނައިގަ އެވެ.

ރާއްޖެގެ އިތުރުން ނޭޕާލް އަތުން ވެސް ބަންގްލަދޭޝް އަށް މޮޅު ވެވޭނެ ކަމަށް އޮސްކާ ބުންޏެވެ.

"ނޭޕާލް އާއި ރާއްޖެ އޮތީ ރޭންކިންގެ 150 ވަނަ އަށް ވުރެ ފަހަތުގައި. އެހެންވެ ބަންގްލަދޭޝް ބޭނުން އެ ޓީމުތައް ބަލި ކުރަން،" އޮސްކާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އޮސްކާ ބުނީ އޭނާ ސަމާލުކަން ދެނީ މެޗަކަށް ފަހު މެޗަކަށް ކަމަށެވެ. މި ވަގުތު އޭނޭ އަށް އޮތް އެންމެ މުހިންމު މެޗަކީ ލަންކާ މެޗު ކަމަށް ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަރެމެންނަށް މި ވަގުތު އޮތް އެންމެ މުހިންމު ކަމަކީ ލަންކާ މެޗު ކާމިޔާބު ކުރުން. އެއަށް ފަހު އިންޑިއާ އަތުން ބަލި ނުވެ ސަލާމަތް ވުން،" އޮސްކާ ބުންޏެވެ. "ޓާގެޓަކީ އެޓޭކިން ފުޓްބޯޅައެއް ކުޅެ ފައިނަލަށް ދިއުން."

ބަންގްލަދޭޝްގެ ކޯޗް ކަމާ އޮސްކާ ހަވާލުވީ، ކުރިއަށް އޮތް ދެ މަހަށެވެ. ސާފް ޗެމްޕިއަންޝިޕުގެ އިތުރުން ނޮވެމްބަރު މަހު ލަންކާގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތުގައި ވެސް ބަންގްލަދޭޝް ޓީމަށް ކޯޗުކޮށްދޭނީ އޭނާ އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ، ގައުމީ ޓީމުގެ ކޯޗު ޖެމީ ޑޭ، މަގާމުން ވަކި ނުކޮށް ގައުމީ ޓީމުގެ މަސްއޫލިއްޔަތުތަކުން ކުރިއަށް އޮތް ދެ މަަހަށް އޭނާ ވީއްލުމަށެވެ.

ޖެމީ ޑޭ، އެކުލަވާލި ޓީމަށް އޮސްކާ ވަނީ ބަދަލު ގެނެސްފަ އެވެ. ޑޭ އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމެނި ނައިޖީރީއާ އަށް އުފަން ފޯވާޑް އެލެޓާ ކިންގްސްލީ ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ. އޮސްކާ އެކުލަވާލި ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑްގައި އޭނާ ކޯޗުކޮށްދޭ ބަށުންދަރާ ކިންގްސްގެ ނުވަ ކުޅުންތެރިން ހިމެނެ އެވެ.

"އެ ކުޅުންތެރިންނަށް މިހާރު ވެސް އަހަރެންގެ ފިލޯސަފީ އެނގޭނެ. އަހަރެން ޓީމަށް ނެގީ ބީޕީއެލް (ބަންގްލަދޭޝް ޕްރިމިއާ ލީގު) ގެ އެންމެ މޮޅެތި ކުޅުންތެރިން،" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝް ޓީމުގެ ކެޕްޓަން ޖަމާލް ބުންޔާން، ބުނީ ފުރަތަމަ ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ މުބާރާތުގައި ކުރިއަށްދާން ބަންގްލަދޭޝް އަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގްލަދޭޝް

- އޮކްޓޯބަރު 4 (ހަވީރު): ބަންގްލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގްލަދޭޝް

- އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.