Roadha Mihaaru
އެކުވެރިކަން އެއްފަރާތް ކުރުމަށް ފަހު ރާއްޖެއާ ދެކޮޅަށް

ރާއްޖެއާ ދެކޮޅަށް ނުކުންނަނީ އެކުވެރިކަން 90 މިނިޓަށް އެއްފަރާތް ކުރުމަށް ފަހު: އޮސްކާ

06 އޮކްޓޯބަރ 2021

ރާއްޖެއާ ދެކޮޅަށް ނުކުންނަން ޖެހުމުން އޭނާ އަށް ވަނީ އިމޯޝަނަލް އިހްސާސްތަކެއް ކުރުވާކަމަށާއި ނަމަވެސް މެޗަށް ނުކުންނަނީ ރާއްޖެއާ މެދު އޮތް ގާތްކަން 90 މިނެޓަށް އެއްފަރާތް ކުރުމަށް ފަހު ކަމަށް ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖެއާ ދެކޮޅަށް ނުކުންނަން ޖެހުމުން އޭނާ އަށް ވަނީ އިމޯޝަނަލް އިހްސާސްތަކެއް ކުރުވާކަމަށާއި ނަމަވެސް މެޗަށް ނުކުންނަނީ ރާއްޖެއާ މެދު އޮތް ގާތްކަން 90 މިނެޓަށް އެއްފަރާތް ކުރުމަށް ފަހު ކަމަށް ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރޭ ބަންގްލަދޭޝް އިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮސްކާ ބުނީ، ރާއްޖޭގެ ކޯޗު އަލީ ސުޒޭނަކީ އޭނާ ރާއްޖޭގައި މަސައްކަތް ކުރި އިރު ވާދަވެރިއެއްގެ ގޮތުގައި ހުރި ކޯޗެއް ކަމަށާއި ސުޒޭންގެ ގޭމް އޭނާ އަށް އެނގޭފަދައިން އޭނާގެ ގޭމް ސުޒޭނަށް ވެސް އެނގޭނެ ކަމަށެވެ.

"މި މެޗާ ކުރިމަތިލާއިރު އަހަރެން އުފާ ވެސް ވޭ. ސަބަބަކީ އަހަރެންގެ އެބަތިބި ރާއްޖޭގެ ރަހުމަތްތެރިންނާއި ބަންގްލަދޭޝްގެ ރަހުމަތްތެރިން ވެސް. އެހެންވީމަ ހަމަ ޔަގީނުން ވެސް އިމޯޝަން ހުންނާނެ،" އޮސްކާ ބުންޏެވެ.

"އަހަރެންގެ މިހާރުގެ ކެރިއާ އާއި ކުރިމަގަށްޓަކައި ވެސް ކެރިއާ ބައްޓަން ކޮށްދިން ތަނަކަށް ރާއްޖެ ވާނެ. އަހަންނަށް ބުނެވިދާނެ އަހަރެން ވަރަށް ރަނގަޅު ގުޅުމެއް އެބައޮތޭ ރާއްޖޭގެ ފުޓްބޯޅައާ މެދު. ރާއްޖޭގެ އެފްއޭގެ ރައީސް ބައްސާމް (އަދީލް ޖަލީލް) އާއި ކޯޗު އަލީ ސުޒޭން، އެ ޓީމުގައި ތިބި ހަތް ކުޅުންތެރިންނަކީ އަހަރެންގެ ރަހުމަތްތެރިން. ގޯލްކީޕަރު ކޯޗު އިމްރާން (މުހައްމަދު) ވެސް. އެމީހުންނާ އަހަންނާ ގުޅުން އޮވޭ.

އޮސްކާ ބަންގްލަދޭޝްގެ އޮފިޝަލަކާ އަތް ގުޅުވާލަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮސްކާ ބަންގްލަދޭޝްގެ އޮފިޝަލަކާ އަތް ގުޅުވާލަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެކަމަކު އަހަރެން ޖެހޭނެ 90 މިނެޓަށް އެ ހުރިހާ ކަމެއް ހަނދާން ނައްތާލަން. މިއީ ދެ ޓީމަށް ވެސް ވަރަށް މުހިންމު ގައުމެއް. އަހަރެމެން ޖެހޭނެ އިމޯޝަންތައް އެއްފަރާތް ކުރަން. އެކަމަކު އަހަންނަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް ޕެޝަނޭޓް މީހެއްކަން އެއީ އަހަންނަށް ފޮރުވޭނެ ކަމެއް ނޫން. އަހަރެން ދިވެހި ޕްރިމިއާ ލީގު ފޮލޯ ކުރަން. އަހަރެންގެ ވަރަށް ގިނަ ރަހުމަތްތެރިން މިތާންގައި އެބަތިބި. އެކަމަކު އަހަރެން ޖެހޭނެ އަހަރެންގެ ރަހުމަތްތެރިންނާ ދެކޮޅަށް ވަރުގަދަ އަށް ވާދަ ކުރަން. މިއީ އަހަރެންގެ ވަޒީފާ."

ރާއްޖޭގެ ޓީމުގެ އަލީ އަޝްފާގް (ދަގަނޑޭ)، ހަމްޒާ މުހައްމަދު، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އުމޭރު، އަކުރަމް އަބްދުލް ގަނީ އަދި ކީޕަރު މުހައްމަދު ފައިސަލްއަކީ އޮސްކާ އާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި މަސައްކަތް ކުރި ކުޅުންތެރިންނެވެ.

އޭނާ ބުނީ ރާއްޖޭގައި މުބާރާތް ބާއްވާއިރު ރާއްޖެއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށެވެ. އެކަމަކު މާދަމާ ރާއްޖެ އަށް އޮތް ޗެލެންޖު ވެސް ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.

"ސަބަބަކީ މާދަމާ ރޭގެ މެޗަކީ ރާއްޖެ އަށް ފައިނަލެއް. މުބާރާތް ހޯސްޓް ކުރާ ގައުމެއްގެ ހައިސިއްޔަތުން އެ ޓީމަކަށް ބަލައެއް ނުގަނެވޭނެ އިތުރު ޕޮއިންޓްތަކެއް ގެއްލޭކަށް. މުބާރާތުގައި ދެމިއޮންނަން ބޭނުންވާ ކަމަށް ވަންޏާ އެ ޓީމަށް މާދަމާގެ މެޗު މުހިންމު ވާނެ،" އޮސްކާ ބުންޏެވެ.

ރާއްޖޭގެ އެޓޭކުގައި ތިބި ހަތަރު ކުޅުންތެރިން އަޝްފާގް، ސެންޓޭ ހަމްޕް އަދި އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ގެ ނަން ފާހަގަ ކުރުމަށް ފަހު އޮސްކާ ބުނީ ރާއްޖޭގެ އެންމެ ބޮޑު ތަފާތަކީ އެޓޭކުގައި ތިބި ހަތަރު ކުޅުންތެރިން ކަމަށެވެ.

އޯގަސްޓް މަހު ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އަށް ވެސް އިރުޝާދު ދިން ކޯޗު ބުނީ، އޭއެފްސީ ކަޕުގައި ވާދަކުރި މާޒިޔާ އާއި ރާއްޖޭގެ ގައުމީ ޓީމު ވެސް ހުރީ އެއްގޮތް ކަންތައްތަކެއް ކަމަށެވެ. ރާއްޖޭގެ އެޓޭކާ އެއްވަރަށް ޑިފެންސް ވަރުގަދަ ނޫންކަން އޮސްކާ ވަނީ އިއްޔެ ބަންގްލަދޭޝް މީޑީއާތަކަށް ދިން އެޓޭކުގައި ފާހަގަކޮށްފަ އެވެ. މިއަދުގެ ޕްރެސްގައި އޭނާ ބުނީ ރާއްޖެއާ ދެކޮޅަށް އޭނާ އެންމެ ބޮޑަށް ބޭނުން ކުރާނެ އެޑްވާންޓޭޖަކީ އެއީ ކަމަށެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.