Roadha Mihaaru
އޮބާމާ ވަކިވުމުގެ ކުރިން ފަލަސްތީން ބަލައިގަތުމަށް ގޮވާލައިފި

އޮބާމާ މަގާމުން ވަކިވުމުގެ ކުރިން ފަލަސްތީން ބަލައިގަތުމަށް ގޮވާލައިފި

04 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 4) - ރައީސް ބަރަކް އޮބާމާ މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ފަލަސްތީނަކީ ވަކި ދައުުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 4) - ރައީސް ބަރަކް އޮބާމާ މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ފަލަސްތީނަކީ ވަކި ދައުުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގޮވާލައްވައިފި އެވެ.

ކާޓާ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަައް ހޯއްދަވައިދެއްވުމަށް ވަކާލާތު ކުރައްވާ އަދި ފަލަސްތީނާއި އިޒްރޭލުގެ ދެ ދައުލަތް ގާއިމް ކުރުމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ކާޓާ ވިދާޅުވީ އެމެރިކާގެ ވެރިކަމާ ދެން ހަވާލުވާ ރިޕަބްލިކަން ސަރުކާރުން ފަލަސްތީނު މައްސަލަ އަށް ހައްލެއް ހޯދުމަކީ ވަރަށް ދުރު ކަމެއް ކަމަށެވެ.

"ވެރިކަން ބަދަލުވުމުގެ ކުރިން އިޒްރޭލް- ފަލަސްތީނު މައްސަލަ އަށް އެމެރިކާ އަށް އަދިވެސް ހައްލެއް ހޯދައިދެވިދާނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަން. އެކަމަކު ވަގުތު ވަރަށް ކުރު،" ނިއު ޔޯކް ޓައިމްސްގައި ކާޓާ ލިޔުއްވާފައިވެ އެވެ. "ރައީސް އޮބާމާގެ ސަރުކާރު ޖެނުއަރީ 20 ވަނަ ދުވަހު ނިމުމަކަށް އައުމުގެ ކުރިން ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިންކަން އެމެރިކާ އިން އިއުލާން ކުރުން."

މެދުއިރުމަތީގެ މައްސަލަ ހައްލު ކުރުމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ވެސް ކާޓާ ވަނީ ގޮވާލައްވައިފަ އެވެ. އަދި 1967 ވަނަ އަހަރުގެ ފަހުން އިޒްރޭލުން ވެރިވެގަތް ތަންތަނަކީ ގަވާއިދާޚިލާފަށް އަތުލާފައިވާ ތަންތަން ކަމަށާއި އިޒްރޭލާއި ފަލަސްތީނަށް ވެސް ސަލާމަތީ ގޮތުން ޔަގީންކަން ދިނުމަށް ގަރާރުގައި ހިމެނިދާނެ ކަމަށް ކާޓާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު ހަދަމުންދާ މައްސަލަ ވެސް ކާޓާ ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ 4.5 މިލިއަން މީހުން ދިރިއުޅޭ އިރު އެ މީހުންގެ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ކާޓާ އަކީ އިޒްރޭލަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ސިޔާސީ ލީޑަރެވެ. އެ މަނިކުފާން 2006 ވަނަ އަހަރު ނެެރުއްވި ފޮތުގައި ވަނީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒާ އެއްފަދަ ކަމެއް ކަމަށް ސިފަ ކުރައްވައިފަ އެވެ.

އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާ ޓްރަމްޕް ވަނީ އިޒްރޭލަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނާނެ ކަމަށާއި އަދި އެމެރިކާ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.