Roadha Mihaaru
ފަހު ވަގުތު ވެސް އޮބާމާ ވަނީ ފަލަސްތީނަށް އެހީ ދީފައި

އެންމެ ފަހު ވަގުތު ވެސް އޮބާމާ ވަނީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 24) - ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 24) - ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކޮންގްރެސްގެ ބައެއް މެންބަރުންގެ ނުރުހުމާ އެކު އޮބާމާގެ ސަރުކާރުން މި ފައިސާ ފަލަސްތީނަށް ދޫކުރީ، ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ހުކުރު ދުވަހު ހެނދުނު އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނީ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން، ކޮންގްރެސްގެ ބައެއް މެންބަރުންނަށް، ފަލަސްތީނަށް ފައިސާ ދޫކުރާކަން އަންގަވައިފަ އެވެ. އަދި ކޮންގްރެސް އަށް ލިޔުމުން އެންގީ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ކޮންގްރެސް އިން ކުރިން ވަނީ 2015 އަދި 2016 ގެ ބަޖެޓް އަހަރުގައި ފަލަސްތީނަށް ދޭ އެހީ ފާސްކޮށްފަ އެވެ. ނަމަވެސް ކޮންގްރެސްގެ ބައެއް ކޮމިޓީތަކުގެ މެންބަރުން ވަނީ އެ ފައިސާ ދޫކުރަން ދެކޮޅު ހަދައިފަ އެވެ. ކޮންގްރެސްގެ ބައެއް މެންބަރުންގެ ދެކޮޅު ހެދުންތަކަށް ވެރިކަމުގެ ފަރާތުން އާއްމުކޮށް އިހުތިރާމް ކުރެ އެވެ. ނަމަވެސް ކޮންގްރެސް އިން ފާސްކޮށްފައިވާ ފައިސާ ހުއްޓުވަން ބައެއް މެންބަރުން ދެކޮޅު ހެދި ނަމަވެސް ގާނޫނީ ގޮތުން އެ ފައިސާ ހިފެހެއްޓޭނެ ހަމައެއް ނޯވެ އެވެ.

ހުޅަނގު އައްސޭރި އާއި ގާޒާގެ އިންސާނީ އެހީގެ ގޮތުގައި ބޭނުން ކުރުމަށް މި ފައިސާ ދޫކުރުމަށް އޮބާމާ ސަރުކާރުން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ފަލަސްތީނަށް ފައިސާ ދޫކުރުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހިތްހަމަނުޖެހުން އުފެދޭނެ ކަމެކެވެ. ޓްރަމްޕް ވަނީ އިޒްރޭލަށް ތާއީދުކޮށް ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ. އަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަތުމަށް ޓްރަމްޕް ވަނީ ދައުވަތު ދެއްވައިފަ އެވެ. ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.