Roadha Mihaaru
ރިތިކާއި ރަންބީރް އެކީގައި ނިތޭޝްގެ ފިލްމަކަށް

ރިތިކާއި ރަންބީރް އެކީގައި ނިތޭޝްގެ ފިލްމަކަށް

07 އޮކްޓޯބަރ 2021

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ރަންބީރް ކަޕޫރް އެކީގައި ފިލްމަކަށް ސޮއިކުރަން ތައްޔާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ރަންބީރް ކަޕޫރް އެކީގައި ފިލްމަކަށް ސޮއިކުރަން ތައްޔާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ ބޮޑު ބަޖެޓަކުން ޑައިރެކްޓަރު ނިތޭޝް ތިވާރީ އާއި "މޮމް" ގެ ޑައިރެކްޓަރު ރަވޯ އުދޭވަރު ތިން ބަޔަކަށް ހަދަން ނިންމާފައިވާ "ރާމަޔަން" އެވެ. "ޑަންގަލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތުގެ "ޗިޗޯރޭ" އެވެ. އެ ފިލްމަކީ އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ހޯދި ފިލްމެކެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ "ރާމަޔަން" ކުޅޭނެކަމުގެ ފެހި ސިގްނަލް ރަންބީރާއި ރިތިކް ދީފައިވާތީ، ފިލްމުގެ ޓީމުން މިހާރު އަންނަނީ އޭގެ ބަތަލާގެ ރޯލަށް ވެސް ތަރިއަކު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ދެ އަހަރު ކުރިން މި ފިލްމު އިއުލާންކުރި ދުވަސްވަރު ވެސް ރިތިކް ފިލްމަށް ސޮއި ކުރިކަމުގެ އަޑުތަކެއް އެރި އެވެ. އެކަމަކު އޭރު އޭނާ އެކަން ދޮގު ކޮށްފައިވެ އެވެ.

މި ޕްރޮޖެކްޓް ފުރަތަމަ އިއުލާންކުރި އިރު ބަޖެޓަކަށް ހަމަޖެއްސީ 600 ކްރޯޑް ރުޕީސް (80.45 މިލިއަން ޑޮލަރު) ކަމަށް ވިޔަސް، ވަރަށް ގްރޭންޑްކޮށް ތިން ބަޔަކަށް ހަދާ ފިލްމަކަށް ވާތީ ބަޖެޓް އެއަށް ވުރެ ވެސް ބޮޑުވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ރަންބީރާއި ރިތިކް މިހާތަނަށް އަދި އެކީގައި ފިލްމެއްގެ މަސައްކަތް ކޮށްފައި ނުވާތީ ދެ ތަރިން އެކީގައި ބޮޑު ސްކްރީނުން ފެނުމަކީ ބެލުންތެރިންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފައިވާ ގޮތުގައި ރަންބީރާއި ރިތިކް އެކީގައި ފިލްމަކަށް ގެނައުމަކީ އޭނާ ވެސް ވަރަށް ބޭނުންވާ ކަމެކެވެ. އެކަމަކު އަދި ދެ ތަރިން އެކީގައި ގެނެވިދާނެ ކަހަލަ ސްކްރިޕްޓަކާ ލައްވާނުލާ ކަމަށް ރާކޭޝް ބުންޏެވެ.