Roadha Mihaaru
"އެނިމަލް" އިން ލިބުނު ފުރުސަތު ވަރަށް ހާއްސަ: ޕަރިނީތީ

"އެނިމަލް" އިން ލިބުނު ފުރުސަތު ވަރަށް ހާއްސަ: ޕަރިނީތީ

22 ޑިސެމްބަރ 2021

ރަންބީރް ކަޕޫރާ އެކު ކުޅެން ސޮއިކުރި "އެނިމަލް" އިން ފުރުސަތު ލިބުމަކީ އެކީގައި މަސައްކަތް ކުރަން ބޭނުންވި ޑައިރެކްޓަރެއްގެ ފިލްމަކަށް ކުރަމުން އައި އުންމީދު ހަގީގަތަކަށްވުން ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަންބީރް ކަޕޫރާ އެކު ކުޅެން ސޮއިކުރި "އެނިމަލް" އިން ފުރުސަތު ލިބުމަކީ އެކީގައި މަސައްކަތް ކުރަން ބޭނުންވި ޑައިރެކްޓަރެއްގެ ފިލްމަކަށް ކުރަމުން އައި އުންމީދު ހަގީގަތަކަށްވުން ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

ފިލްމު ކުޅެން ފެށިތާ މި އަހަރަށް 10 އަހަރުވީ 33 އަހަރުގެ ބަތަލާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ "އެނިމަލް" އިން ފުރުސަތު ލިބުމުން އެކަން ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި ކަމަށެވެ.

"އެ ކޯލު އައިމަ ބުނާނެ އެއްޗެއް ވެސް ނޭނގި މީހާ ގަނޑުވެފައި ހުރީ. ގަބޫލުކުރަން ވަރަށް ބޮޑަށް ދަތިވި." ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެބޭންގެ ދެދަރި ޕަރިނީތީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަންދީޕްގެ ފިލްމަކަށް އުންމީދު ކުރެވެން ފެށީ 2019 ގައި ރިލީޒްކުރި ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" ބެލި ހިސާބުންނެވެ. އެ ފިލްމަކީ ސަންދީޕް 2018 ގައި ޑައިރެކްޓްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމޭކެކެވެ.

"އެ ފިލްމުފެ ކެރެކްޓާތައް ބިލްޑްކޮށްފައިވާ ގޮތާއި ސްކްރީނުގައި ކެރެކްޓާތައް ދައްކުވައި ދީފައި އޮތް ވަރަށް ވެސް ކަމުދިޔަ. ކަބީރް ސިންގް ބެލި ހިސާބުން ހިތަށް އަރަން ފެށި ސަންދީޕާ އެކު މަސައްކަތް ކުރަން ލިބޭނެ ނަމަ އޭ. އޭނަ އަކީ ހަގީގަތުގައި ވެސް ވަރަށް މޮޅު ޑައިރެކްޓަރެއް." ޕަރިނީތީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "އެނިމަލް" އިން ފުރުސަތު ދޭން ސަންދީޕް ގުޅައި، ބައްދަލުކުރަން ދާން އެދުމުން ލިބުނު އުފަލުން ގޮސް ބުނާނެ އެއްޗެއް ޗެސް ނޭނގުނެވެ.

"ދެން ބައްދަލުކުރީމަ ސަންދީޕް ބުނީ ނިންމައިފީމޭ އަހަންނަށް ރޯލެއް ދޭން. އެ ހިސާބުން ހިތަށް އެރި އަހަންނަށް އޭނަ ފުރުސަތެއް ދޭނީ ކެރިއަރުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރިކަމަށް ގަބޫލުކުރާތީއޭ،" ޕަރިނީތީ ބުންޏެވެ. "އެއީ ހަގީގަތުގައި ވެސް އުފާވެރި އިހުސާސެއް."

ވަރަށް "ޑާކް" ފިލްމެއްގެ ގޮތުގައި ހަދާ "އެނިމަލް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މީގެ ކާސްޓްގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ހިމެނެ އެވެ. އަދި މިއީ ރަންބީރާ އެކު މަސައްކަތްކުރަން ޕަރިތިނީތީ އަށް ލިބުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "އެނިމަލް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ރަންވީރާ އެކު 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ނުކުތް ޕަރިނީތީ މިހާރު އަންނަނީ ސޫރަޖް ބަރްޖަތިއާގެ "އޫޗާއީ" ގައި މަސައްކަތް ކުރަމުންނެވެ. އޭނަގެ ތިން ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އާއި "ދަ ގާލް އޮން ދަ ޓްރެއިން" އަދި "ސައިނާ" އެވެ.