Roadha Mihaaru
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް

ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް

02 ޑިސެމްބަރ 2021

ކުޅުނު ދެވަނަ ފިލްމު "މޭނޭ ޕިޔާރު ކިޔާ" އިން ސަލްމާން ޚާން ސުޕަޓާރަކަށް ހަދައިދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ވަރަށް އަވަހަށް ކުޅެން ފަށާނެ ކަމަށް ސަލްމާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅުނު ދެވަނަ ފިލްމު "މޭނޭ ޕިޔާރު ކިޔާ" އިން ސަލްމާން ޚާން ސުޕަޓާރަކަށް ހަދައިދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ވަރަށް އަވަހަށް ކުޅެން ފަށާނެ ކަމަށް ސަލްމާން ބުނެފި އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އޭނަގެ އާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޕްރޮމޯޝަންގެ ތެރެއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އަސަރު ގަދަ ލޯބީގެ ފިލްމެއް ދެން ކުޅޭނީ ކޮން އިރަކުންތޯ ނޫސްވެރިން ސުވާލު ކުރުމުން ސަލްމާން ބުނީ އެފަދަ ފިލްމެއް އޭނާއާ އެކު ގެނެސްދެވޭނީ ސޫރަޖަށް ކަމަށެވެ. އެހެންވެ ދެ މީހުން އެކީގައި މާ ލަސްތަކެއް ނުވެ އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.

"ސޫރަޖް ބާބޫ ބުނެފައި އޮތީ އަހަންނަށް ހާއްސަ ސްކްރިޕްޓެއްގެ މަސައްކަތް ފަށާފައި އޮތް ކަމަށް. އެހެންވީމަ ހުރިހާ ކަމެއް ރެޑީވީމަ ދެ މީހުން ހަމަ އަލުން މަސައްކަތް ފަށާ ގޮތަށް މި ތިބީ. ސޫރަޖް ބާބޫ ރެޑީވެގެން އަންނަ ވަގުތަކަށް އަހަރެން މި ހުންނަނީ މަޑުކޮށްލައިގެން،" ސަލްމާން ބުންޏެވެ. "އަހަރެން ގަބޫލުކުރަނީ ސޫރަޖް ގެނެސްދޭ ފެންވަރަށް އާއިލީ ލޯބީގެ ފިލްމުތައް އެހެން މީހަކަށް ނުވެސް ހެދޭނެ ކަމަށް."

މޭނޭ ޕިޔާރު ކިޔާ (1989) ގެ ފަހުން އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ހަމް އާޕް ކޭ ހޭ ކޯން (1994) އާއި ހަމް ސާތު ސާތު ހޭ (1999) އަދި ޕްރޭމް ރަތަން ދަން ޕާޔޯ (2015) ހިމެނެ އެވެ. މި ހުރިހާ ފިލްމުތަކެއްގައި ސަލްމާނަކީ ޕްރޭމް އެވެ. އެ ނަމަކީ އޭނަގެ އައިކޮނިކް ސްކްރީން ނަމެވެ.

"ވިވާ" އާއި "މޭ ޕްރޭމް ކީ ދީވާނީ ހޫ" ވެސް ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ "އޫޗާއީ" ކިޔާ ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކާސްޓްގައި ހިމެނެނީ އަމީތާބް ބައްޗަނާއި ޕަރިނީތީ ޗޯޕްޅާ އާއި ބޮމަން އިރާނީ އާއި އަނޫޕަމް ކޭރާއި ސާރިކާ އާއި ޑެނީ ޑެންޒޯންގްޕާގެ އިތުރުން ނީނާ ގުޕްތާ އެވެ. ފިލްމު ރިލީޒް ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެޑީ ފިލްމަކާ ބެހޭ ގޮތުން ނޫސްވެރިން ސަލްމާނާ ސުވާލުކުރުމުން ބުނީ ވަރަށް އަވަހަށް އޭނަގެ ކޮމެޑީއެއް ވެސް އިއުލާން ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުން އެ ފިލްމަކީ 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" އެވެ. މި ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައިރެކްޓަރު އަނީސް ބަޒްމީ އެ ފިލްމު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އާއި ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އަދި "ކިކް 2" ހިމެނެ އެވެ.