Roadha Mihaaru
އަމީތާބާއި ސޫރަޖްގެ ފިލްމަށް އިތުރު ކާސްޓުންތަކެއް

އަމީތާބާއި ސޫރަޖްގެ ފިލްމަށް އިތުރު ކާސްޓުންތަކެއް

13 ސެޕްޓެމްބަރ 2021

މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ އާ އެކު އަމީތާބް ބައްޗަން މަސައްކަތްކުރާ ފުރަތަމަ ފިލްމު "އޫޗާއީ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު އޭގެ ކާސްޓަށް އިތުރު ތަރިންތަކެއް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ އާ އެކު އަމީތާބް ބައްޗަން މަސައްކަތްކުރާ ފުރަތަމަ ފިލްމު "އޫޗާއީ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު އޭގެ ކާސްޓަށް އިތުރު ތަރިންތަކެއް ސޮއިކޮށްފި އެވެ.

މި ފިލްމަށް ކުރިން އަނޫޕަމް ކޭރާއި ބޮމަން އިރާނީ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "އޫޗާއީ" ގެ ކާސްޓަށް މިހާރު އިތުރުވެފައި ވަނީ މިހާތަނަށް ގިނައިން ފިލްމުތަކުގައި ނެގަޓިވް ރޯލުތައް ކުޅެފައިވާ އެކްޓަރު ޑެނީ ޑެންޒޯންގްޕާ އާއި ކުރީގެ މަޝްހޫރު ބަތަލާ ސާރިކާ އެވެ. ސާރިކާ އަކީ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ އަންހެނުންނެވެ. އަދި މި ފިލްމުގެ ކާސްޓްގައި ނީނާ ގުޕްތާ އާއި ޕަރިނީތީ ޗޯޕްޅާ ވެސް ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ހަންގާމާ އިން ބުނީ ގޮތުގައި ސޫރަޖްގެ "އޫޗާއީ" އަކީ 60 އަހަރުން މަތީގެ ހަތަރު ފިރިހެން އެކުވެރިންނާއި އެ މީހުންގެ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުމުގެ ވާހަކަ ކިޔައިދޭ އާއިލީ ޑްރާމާއެކެވެ. އެއީ އަމީތާބާއި ބޮމަން އާއި އަނޫޕަމްގެ އިތުރުން ޑެނީ އެވެ. މި ތަރިންނަށް ބަލާ އިރު، އަނޫޕަމް ފިޔަވައި ދެން އެހެން ހުރިހާ އެންމެންނަކީ ސޫރަޖާ އެކު އަލަށް މަސައްކަތްކުރާ ތަރިންނެވެ.

އޭނާގެ "ހަމް އާޕް ކޭ ހޭ ކޯން" އާއި "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި އަނޫޕަމް މަސައްކަތްކޮށްފައިވެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި "އޫޗާއީ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް އަންނަ މަހުގެ ތެރޭގައި ފަށާނީ ނޭޕާލުގަ އެވެ. އަދި އެތަނުގައި 40 ދުވަހުގެ ޝޫޓިން ޝެޑިއުލެއް ކުރިއަށް ގެންދާނެ އެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ކުރިން މުޅި ފިލްމުގެ ޝޫޓިން ނިންމައިލާ ގޮތަށް މަސައްކަތްތައް ރާވާފައިވާ ފިލްމުގެ މަންޒަރުތަކެއް ނިއު ދިއްލީ އާއި މުމްބާއީގައި ވެސް ނަގާނެ އެވެ.

"މޭނޭ ޕިޔާރު ކިޔާ" އިން 1989 ގައި ޑައިރެކްޝަނަށް ނުކުތް ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.