Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 މާޗް 2021

ނަވާޒުއްދީން ސިއްދީގާއި ނޭހާ ޝަރުމާ އެކީގައި ކުޅޭ ފިލްމު "ޖޮގީރާ ސަރަ ރާ ރާ" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަވާޒުއްދީން ސިއްދީގާއި ނޭހާ ޝަރުމާ އެކީގައި ކުޅޭ ފިލްމު "ޖޮގީރާ ސަރަ ރާ ރާ" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ ކުޝަން ނަންދީ ޑައިރެކްޓްކުރާ ފިލްމެކެވެ. "ޖޮގީރާ ސަރަ ރާ ރާ" ގެ ކާސްޓްގެ ސަންޖޭ މިޝްރާ އާއި މިތުން ޗަކްރަބަތީގެ ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ ވެސް ހިމެނެ އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން މި ފަހުން ޒުވާން ބަތަލާއިންނާ އެކު ފިލްމުތަކުގެ ލީޑް ރޯލްތައް ކުޅެމުން އަންނަ އިރު 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އަކީ އޭނާ ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީއާ އެކު ކުޅުނު ފިލްމެކެވެ. އަދި ކުރިއަށް އޮތް ފިލްމު "ބޯލެ ޗޫޅިޔާ" އަކީ ތަމަންނާ ބާޓިއާއާ އެކު ނަވާޒުއްދީން ފެންނާނެ ފިލްމެކެވެ.

"ތުމް ބިން 2" އާއި "މުބާރަކަން" ފަދަ ފިލްމުތައް ކުޅުނު ނޭހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ރަންބީރްގެ "އެނިމަލް" 2022 ގެ އޮކްޓޯބަރު

ދާދި ފަހުން އިއުލާންކުރި ރަންބީރް ކަޕޫރްގެ ޑާކް ތުރިލާ "އެނިމަލް" އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެނެސްދޭން ނިންމައިފި އެވެ.

މި އަހަރުގެ މެދު ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ފިލްމެކެވެ. ރަންބީރް މިހާތަނަށް އެންމެ ތަފާތު ކެރެކްޓާއަކުން ފެންނާނެ ކަމަށް ބެލެވޭ "އެނިމަލް" ގެ ކާސްޓްގައި ޕަރިނީތީ ޗޯޕްޅާ އާއި އަނިލް ކަޕޫރް އަދި ބޮބީ ޑިއޯލް ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީގެ ރޯލަކަށް މިހާރު އަރަމުން އަންނަ ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ވެސް ސޮއިކޮށްފައިވެ އެވެ.

"ޖަހާ ޗާރް ޔާރު" އަކީ ހަތަރު އަންހެނުންގެ ވާހަކައެއް

ހަތަރު އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ޖަހާ ޗާރު ޔާރު" އިއުލާންކޮށް މި މަހުގެ 5 ގައި އޭގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ސްކްރީން ރައިޓަރު ކަމަލް ޕާންޑޭގެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސްވަރާ ބާސްކަރާއި ޝިކާ ތަލްސާނިއާ އާއި މެހެރް ވިޖްގެ އިތުރުން ޕޫޖާ ޗޯޕްޅާ އެވެ. ސްވަރާ އާއި ޝިކާ އަކީ 2018 ގެ "ވީރޭ ދީ ވެޑިން" ގައި ވެސް އެކީގައި މަސައްކަތްކޮށްފައިވާ ދެ ބަތަލާއިންނެވެ.

"ޖަހާ ޗާރު ޔާރު" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އުއްތަރު ޕްރަދޭޝް އާއި ގޯއާގަ އެވެ.

"ހާތީ މޭރާ ސާތީ" މި މަހު 26 ގައި

ކޮވިޑްގެ ބަލިމަޑުކަމާ ހެދި މި އަހަރަށް ފަސްކުރި ފިލްމު "ހާތީ މޭރީ ސާތީ" މި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމުގެ މައިގަނޑު ރޯލުތަކުން ޕުލްކިތު ސަމްރާޓާއި ރާނާ ދަގޫބަތީ އާއި ޝްރިޔާ ޕިލްގާއޯންކަރް އަދި ޒޯޔާ ހުސައިން ފެންނާނެ އެވެ.

"ހާތީ މޭރޭ ސާތީ" އަކީ ޕްރަބޫ ސޮލޮމަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމު ހިންދީ، ތަމަޅަ، ތެލެގޫ ބަހުން ގެނެސްދޭނެ އެވެ. ފިލްމުގެ ޓްރެއިލާ މާދަމާ އާންމުކުރާނެ އެވެ.