Roadha Mihaaru
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި

އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި

08 ޑިސެމްބަރ 2021

މިހާރު ދެ ފިލްމަކުން ފެނިފައިވާ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ އެންމެ ފުރަތަމަ ފިލްމެއްގައި ހިއްސާވި ގޮތަކީ ފިލްމެއްގެ ލަވައެއްގެ ބެކް ޑާންސަރެއްގެ ގޮތުގައި ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ދެ ފިލްމަކުން ފެނިފައިވާ ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާ އެންމެ ފުރަތަމަ ފިލްމެއްގައި ހިއްސާވި ގޮތަކީ ފިލްމެއްގެ ލަވައެއްގެ ބެކް ޑާންސަރެއްގެ ގޮތުގައި ކަމަށް ބުނެފި އެވެ.

އެ ފިލްމަކީ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯންގެ 2013 ގެ އަސަރު ގަދަ ލޯބީގެ ފިލްމު "ޔެ ޖަވާނީ ހެ ދީވާނީ" ގެ ލަވައެއް ކަމަށްވާ "ދިއްލީވާކީ ގާލްފްރެންޑް" އެވެ. މިދިޔަ މަހު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި ސަލްމާނާ އެކު ވަރުގަދަ ރޯލެއް ކުޅުނު އާ އެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެެއްގައި ބުނީ ރަންބީރާއި ދީޕިކާއާ ފުރަތަމަ މެހެބޫބް ސްޓޫޑިއޯ އިން ބައްދަލުވެ، އެ މީހުން މަސައްކަތްކުރާ ގޮތް ފެނުނީ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ.

"ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ކަރަން ޖޯހަރްގެ ދަރުމާ އިން ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ލަވައެއްގައި އާޔޫޝް ބައިވެރިވި އިރު، އޭރު އަދި ކައިވެންޏެއް ވެސް ނުކުރެ އެވެ.

އޭނާ އާއި ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން ކައިވެނިކުރީ 2014 ގަ އެވެ. މިހާރު ދެ ދަރިން ތިބި އާޔޫޝް ބޮލީވުޑަށް ލީޑް އެކްޓަރެއްގެ ގޮތުގައި ނެރުނީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔާތުރީ" އިންނެވެ.

އުންމީދީ އެކްޓަރެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ އާޔޫޝް އޮތީ ތިން ވަނަ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލްއާ އެކު ކުޅެން އޮތް "ކްވާތާ" އެވެ. އެ ފިލްމު 2019 ގައި އިއުލާންކުރި ފަހުން އެއާ ބެހޭ މާ ބޮޑު ވާހަކަތަކެއް ފަހުން ދެކެވިފައެއް ނުވެ އެވެ.

ދާދި ފަހުން ސަލްމާން ބުނި ގޮތުގައި އެ މީހުން އާޔޫޝް ބޮލީވުޑަށް ނެރެން އުޅުނީ އާއިލާގެ މެމްބަރަކަށް ވެސް ވުމުގެ މާ ކުރިންނެވެ. އެގޮތުން އާޔޫޝްއާ އެންމެ ފުރަތަމަ އާއިލާ އިން ބައްދަލުވީ ކޮއްކޮ ސުހައިލް ޚާނާ ކަމަށާއި އެއް ޖިމަކުން ދެ މީހުން ބައްދަލުވެ، އާޔޫޝްގެ ވާހަކަ ސުހައިލް ބުނި ކަމަށް ސަލްމާން ބުންޏެވެ. އަދި އަޔޫޝް ބޮލީވުޑަށް ލޯންޗްކުރަން އުޅުނު ފިލްމަކީ "މައި ޕަންޖާބީ ނިކާހް" ކަމަށް ވެސް ސަލްމާން ބުންޏެވެ.

ސަލްމާން ބުނި ގޮިތުގައި އެ ފިލްމަކީ ކުރިން އޭނާ ކުޅޭ ގޮތަށް އޮތް އެއްޗެކެވެ. އެކަމަކު އޭގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ފިޓްވާ ވަރަށް ވުރެ އޭނާ އަށް ދުވަސްވެފައިވާތީ އާޔޫޝްއާ އެކު ފިލްމު ހަދަން ރޭވި ކަމަށް ބުންޏެވެ. އަރްޕިތާގެ ލޯބިވެރިޔާ އަކީ އާޔޫޝްކަން އެނގުނީ ވެސް ފިލްމުގެ ވާހަކަ ދެކެވިފައި އޮތްވައި ކަމަށް ސަލްމާން ބުންޏެވެ.

"އަންތިމް" އަށް އާޔޫޝް ކުރި މަސައްކަތަށް ސަލްމާން ވަރަށް ބޮޑަށް ތައުރީފު ވެސްކޮށްފައިވެ އެވެ. ހާއްސަކޮށް ކެރެކްޓާ އަށް އޭނާ ހަށިގަނޑަށް ގެނައި ބަދަލަކީ ބޮޑު ޝޮކެއް ކަމަށް ބުނެފައިވެ އެވެ.

ފިލްމެއްގެ ލަވައެއްގެ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު މިހާރު ލީޑިން އެކްޓަރެއްގެ ގޮތުގައި އާޔޫޝް މަސައްކަތްކުރާ އިރު، މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރްގެ ފުރަތަމަ ފެނިލުމަކީ ވެސް ބެކް ޑާންސަރެއްގެ ރޯލެވެ. އެއީ އައިޝްވާރިޔާ ރާއީ އާއި އަކްޝޭ ކަންނާގެ އިތުރުން އަނިލް ކަޕޫރްގެ 1999 ގެ ފިލްމު "ތާލް" ގެ ލަވަ "ރަމްތާ ޖޯގީ" ލަވައިގެ ބެކް ޑާންސަރެއްގެ ގޮތުގަ އެވެ. ޝާހިދު ލީޑް އެކްޓަރެއްގެ ގޮތުގައި ނުކުތީ 2003 ގެ "އިޝްގް ވިޝްކް" އިންނެވެ.