Roadha Mihaaru
ނީޓޫގެ "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރު

ނީޓޫގެ "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރު

22 ނޮވެމްބަރ 2021

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން އޭނާގެ ހުވަފަތް އަންހެނުން ނީޓޫ ސިންގް ކުޅުނު ފުރަތަމަ ފިލްމު "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރުގެ ޖޫން މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން އޭނާގެ ހުވަފަތް އަންހެނުން ނީޓޫ ސިންގް ކުޅުނު ފުރަތަމަ ފިލްމު "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރުގެ ޖޫން މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. ނީޓޫއާ އެކު ކާސްޓްގައި އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ހިމެނޭ "ޖުގް ޖުގް ޖިޔޯ" އަކީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މީގައި ނީޓޫ އާއި އަނިލް ކުޅެފައި ވަނީ ދެމަފިރިންގެ ރޯލެވެ. އަދި ވަރުން އަކީ އެ މީހުންގެ ދަރިއެކެވެ. ބެލުންތެރިންނާ ވަރަށް ގުޅޭ ކަހަލަ ވާހަކައެއް ކިޔައިދޭނެ "ޖުގް ޖުގް ޖިޔޯ" އަކީ ކައިވެނީގެ ގުޅުންތަކަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ޓީވީ ހޯސްޓް މަނީޝް ޕޯލް އާއި ދާދި ފަހުން ކަލާޒް އިން ނިންމައިލި ސްޓަންޓް ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 11 ގައި ވާދަކުރި ވަރުން ސޫދާއި ޕްރަޖަކްތާ ކޯލީ ވެސް ހިމެނެ އެވެ.

"ޖުގް ޖުގް ޖިޔޯ" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، މީގެ ޝޫޓިން އެއްކޮށް ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ. ޖޫން މަހުގެ ތެރޭގައި ދަރުމާގެ އެހެން ފިލްމެއް ވެސް ސިނަމާތަކަށް ގެންނާނެ އެވެ. އެއީ ޖޫން 10 ގައި ރިލީޒްކުރާ ޝިޝާންކް ކައިތާން ޑައިރެކްޓް ކޮށްފައިވާ "ގޯވިންދާ މޭރާ ނާމް" އެވެ. އޭގެ ކާސްޓުންނަކީ ކިއާރާ އާއި ވިކީ ކޯޝަލްގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ނީޓޫ ބުނެފައުވާ ގޮތުގައި ފިރިމީހާ ވަކިވި ފަހުން، ފިލްމެއްގައި މަސައްކަތް ކުރަން އެންމެ ބޮޑަށް ހިތްވަރު ދިން މީހަކީ އަންހެން ދަރިފުޅު ރިދިމާ އެވެ. އޭނާ ބުނި ގޮތުގައި މި ސަބަބާ ހުރެ "ޖުގް ޖުގް ޖިޔޯ" ވާނީ އަބަދު ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ.

ނީޓޫ އަކީ އެންމެ ޒުވާން ދުވަސްވަރު ވަރަށް ގިނަ ފިލްމުތަކެއް ކުޅުނު ބަތަލާއެކެވެ. އެކަމަކު ރިޝީއާ ކައިވެނިކުރި ފަހުން އޭނާ ފިލްމު ކުޅުން ވަރަށް މަދުކުރި އެވެ. އެކަމަކު ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ނީޓޫ ފެނެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ރިޝީ އާއި ރަންބީރް ވެސް މުހިއްމު ރޯލުތަކެއް ކުޅުނު 2013 ގެ "ބޭޝަރަމް" އިންނެވެ.