Roadha Mihaaru
ރަންބީރްގެ "އެނިމަލް" ގައި ޕަރިނީތީ، އަނިލް، ބޮބީ

ރަންބީރްގެ "އެނިމަލް" ގައި ޕަރިނީތީ، އަނިލް އަދި ބޮބީ

02 ޖެނުއަރީ 2021

ރަންބީރް ކަޕޫރާ އެކު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދަން ނިންމާފައިވާ ޑާކް ތުރިލާގެ ރޯލްތަކަށް ޕަރިނީތީ ޗޯޕްޅާ އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ހިމަނައިގެން ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަންބީރް ކަޕޫރާ އެކު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދަން ނިންމާފައިވާ ޑާކް ތުރިލާގެ ރޯލްތަކަށް ޕަރިނީތީ ޗޯޕްޅާ އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ހިމަނައިގެން ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އާ އަހަރާ ދިމާކޮށް އިއުލާންކުރި މި ފިލްމަކީ ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ސަންދީޕް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. "އެނިމަލް" އަކީ މިދިޔަ އަހަރު ޝާހިދު ކަޕޫރާ އެކު ގެނެސްދިން ކާމިޔާބު ފިލްމު "ކަބީރް ސިންގް" އަށް ފަހު، ސަންދީޕާއި ބުޝަން ގުޅިގެން ހަދާ ދެވަނަ ފިލްމެވެ.

އާ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ މެދު ތެރޭގަ އެވެ. "އެނިމަލް" ގެ ޝޫޓިން ފެށުމުގެ ކުރިން ރަންބީރް މި މަހުގެ ތެރޭގައި ޑައިރެކްޓަރު ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީގެ މަސައްކަތް ފަށާނެ އެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ޝަރްދާ ކަޕޫރް ބަތަލާގެ ރޯލު ކުޅޭ ފިލްމެކެވެ.

"އެނިމަލް" ވާނީ އަނިލް އާއި ޕަރިނީތީގެ އިތުރުން ބޮބީއާ އެކު ރަންބީރް ފިލްމެއްގެ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ރަންބީރް ބޮލީވުޑަށް ތައާރަފުވި 2007 ގެ ފިލްމު "ސާވަރިޔާ" ކުޅުނީ އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރާ އެކީގަ އެވެ. ރަންބީރްގެ މަންމަ ނީޓޫ ސިންގް ދާދި ފަހުން ޝޫޓިން ނިންމައިލި "ޖުޖް ޖުގް ޖިއޯ" އަކީ އަނިލްއާ އެކު ކުޅުނު ފިލްމެކެވެ.

ޕަރިނީތީއާ އެކު މަސައްކަތްކުރަން ލިބުމުގެ ކުރިން ރަންބީރް ވަނީ އޭނާގެ ކަޒިން ޕްރިޔަންކާ ޗޯޕްޅާއާ އެކު ދެ ފިލްމެއް ކުޅެފަ އެވެ. އެއީ "އަންޖާނާ އަންޖާނީ" ގެ އިތުރުން "ބަރްފީ" އެވެ. "އެނިމަލް" ގައި ކުޅޭނީ ފިލްމުގެ މައި ވިލަންގެ ރޯލެވެ.

ރަންބީރްގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ މިހާރު ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ބުރައްމަސްތުރާ" އާއި "ޝަމްޝޭރާ" އެވެ.