Roadha Mihaaru
ޝާހިދުގެ "ޖާޒީ" ދައްކާލައިފި

ޝާހިދުގެ "ޖާޒީ" ގެ ޓްރެއިލާ ދައްކާލައިފި

24 ނޮވެމްބަރ 2021

ޝާހިދު ކަޕޫރްގެ އާ ފިލްމު "ޖާޒީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހިދު ކަޕޫރްގެ އާ ފިލްމު "ޖާޒީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އޭނާ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅެފައިވާ މި ފިލްމަކީ ހަމަ އެ ނަމުގައި ގެނެސްދިން 2019 ގައި ރިލީޒްކުރި ތެލެގޫ ފިލްމުގެ ރިމޭކެކެވެ. ދެ ފިލްމު ވެސް ޑައިރެކްޓް ކޮށްފައި ވަނީ ގޯތަމް ތިނައްނޫރީ އެވެ.

އަހަރު ނިންމާލާ ތާރީހު ކަމަށްވާ ޑިސެމްބަރު މަހުގެ 31 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޖާޒީ" ގެ ބަތަލާ ރޯލު ކުޅެފައި ވަނީ މުރްނާލް ތާކޫރެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރް ވެސް ފެނިގެން ދާނެ އެވެ.

އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ޝާހިދުގެ ފިލްމަކީ 2019 ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ކަބީރް ސިންގް" އެވެ. އެ ފިލްމަކީ ވެސް ތެލެގޫ ފިލްމެއްގެ ރިމެކޭކެވެ. އެއީ 2018 ގެ "އަރުޖުން ރެޑީ" އެވެ.

ޝާހިދު މި ވަގުތު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ އެކްޝަން ތުރިލާއެއްގެ މަސައްކަތް ދުބާއީގައި ކުރަމުން އަންނަ އިރު، އޭނާ ސޮއި ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބުލް" ހިމެނެ އެވެ. އަލީގެ ފިލްމަކީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. އޭގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

އަލީގެ އެންމެ ފަހުގެ ފިލްމަކީ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ 2019 ގެ "ބާރަތު" އެވެ.