Roadha Mihaaru
ސޮނާކްޝީ އާއި ހުމާގެ ފަލަ ރޯލްތަކުން ދައްކާލުމެއް

ސޮނާކްޝީ އާއި ހުމާގެ ފަލަ މީހުންގެ ރޯލްތަކުން ދައްކާލުމެއް

16 ޑިސެމްބަރ 2021

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ ފަލަ މީހުންގެ ރޯލުތަކެއް ކުޅެފައިވާ ފިލްމު "ޑަބަލް އެކްސްއެލް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ ފަލަ މީހުންގެ ރޯލުތަކެއް ކުޅެފައިވާ ފިލްމު "ޑަބަލް އެކްސްއެލް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ދެ ތަރިންގެ ފިލްމުން ފެންނާނެ ލުކް އެއްކޮށް ތިލަކޮށްނުދިން ނަމަވެސް އެ މީހުންގެ ކެރެކްޓާތައް ފެންނާނެ ގޮތުގެ ތަސައްވުރެއް ޓީޒާ އިން ގެނެސްދީފައިވެ އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ބޮޑު ސްކްރީނުން ސޮނާކްޝީ އާއި ހުމާ ފަލަ ބައެއްގެ ރޯލުން ބެލުންތެރިންނާ ބައްދަލުކުރާ އިރު، ދެ ތަރިންނަކީ ކުރިން ފަލަކަމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވި ބައެއް ކަމެވެ.

ހާއްސަކޮށް ސޮނާކްޝީ އަށް މީހުން ކުރި މަލާމާތުން ހިތްވަރު ހޯދައިގެން އޭނާ މި ފަހުން ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ލޫޅާފަތިކޮށްފަ އެވެ. އެހެންވެ ޔަގީނުން ވެސް "ޑަބަލް އެކްސްއެލް" ގެ ޕްރޮމޯޝަންތަކުގައި ސޮނާކްޝީ އާއި ހުމާ ވެސް މިހާރުގެ ހަށިގަނޑު ބައްޓަން ދައްކާލަން ވަރަށް މަސައްކަތް ކުރާނެ އެވެ.

އިނގިރޭސިވިލާތުގައި މިދިޔަ ހަފުތާގައި ޝޫޓިން ނިންމާލި މި ފިލްމަކީ ހުމާގެ ލޯބިވެރިޔާ މުދައްސަރު އަޒީޒުގެ ޑައިރެކްޝަނެކެވެ. މިއީ އޭނަގެ ފިލްމެއްގައި ހުމާ މަސައްކަތްކުރި ފުރަތަމަ ފަހަރު ނަމަވެސް ސޮނާކްޝީ އަކީ މުދައްސަރު 2018 ގައި ގެނެސްދިން "ހެޕީ ޕިރު ބާގް ޖާއޭގީ" ގެ ބަތަލާ އެވެ.

މުދައްސަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކާތިކް އާރިޔަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕިޑްނޭކަރް ލީޑް ކުޅުނު 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" އެވެ.

ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާން ނުކުރާ "ޑަބަލް އެކްސްއެލް" ގެ ބަތަލުންނަކީ ސޮނާކްޝީ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައިވާ 2019 ގެ "ނޯޓްބުކް" އިން ބޮލީވުޑަށް ނުކުތް ޒަހީރު އިގްބާލާއި އަލަށް ތައާރަފުކުރާ މަހަތު ރަގަވެންދުރަ އެވެ.