Roadha Mihaaru
ރަންވީރަކީ ހަމަ ކަޕިލް ދޭވް

ރަންވީރަކީ ހަމަ ކަޕިލް ދޭވް

01 ޑިސެމްބަރ 2021

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލްގެ ދޭވްގެ ރޯލު، ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ކުޅެފައިވާ ފިލްމު "83" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލްގެ ދޭވްގެ ރޯލު، ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ކުޅެފައިވާ ފިލްމު "83" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޓްރެއިލާ އިން ކަޕިލްގެ ޒުވާން ދުވަސްވަރު އޭނާ ހުރި ގޮތް ރަންވީރު ވަރަށް ފުރިހަމަ އަށް ގެނެސްދީފައިވެ އެވެ. ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "83" އަކީ ކަޕިލް ކެޕްޓަނަކަށް ހުރެގެން އިންޑިއާ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އޭރު ޓީމްގެ ކުޅުންތެރިންގެ ގޮތުގައި މަސައްކަތްކުރި މީހުންގެ ހަނދާންތައް އާކޮށްދޭ ފެންވަރަށް ކަބީރް ފިލްމު ހަދާފައިވާކަން ޓްރެއިލާ އިން ދައްކުވައިދެ އެވެ.

މީގެ ކާސްޓްގައި ރަންވީރާ އެކު ވަރަށް ގިނަ އެކްޓަރުން ކްރިކެޓް ކުޅުންތެރިންގެ ގޮތުގައި ފެންނާނެ އެވެ. އޭގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސީން، އައްމީ ވާކް، ހާޑީ ސަންދޫ، ޗިރާގް ޕަޓިލް، ޖިވާ، ސާހިލް ކައްތަރު އަދި އަދިނާތު ކޮތާރޭ ފަދަ ފަންނާނުން ހިމެނެ އެވެ. މީގެ އިތުރުން "83" އިން ބޮމަން އިރާނީ އާއި ޕަންކަޖް ތުރިޕަޓީ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

މި ފިލްމަކީ ރަންވީރާއި އަންހެނުން ދީޕިކާ ޕަދްކޯން ކައިވެނިކުރި ފަހުން އެކީގައި ސްކްރީނުން ފުރަތަމަ ފަހަރަށް ފެންނާނެ ފިލްމު ވެސް މެ އެވެ. އެއީ ހަމަ ދެމަފިރިންގެ ގޮތުގަ އެވެ. ދީޕިކާ ކުޅެފައި ވަނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

މި މަހުގެ 24 ގައި ރިލީޒްކުރަން ނިންމާފައިވާ "83" އަކީ ޔަގީނުން ވެސް ރަންވީރަށް ވަރަށް ބޮޑު ސަމާލުކަމަށް ހުއްޓޭނެ ފިލްމަކަށް ވާނެ އެވެ. މީގައި އޭނާ ކަޕިލްގެ ރޯލު ކުޅުނު އިރު، ފިލްމަށް ތައްޔާރުވާން ކުރި މަސައްކަތުގެ ތެރޭގައި ކަޕިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް 10 އަށް ތާވަލު ކޮށްފައި ވަނިކޮށް ކޮވިޑާ ހެދި މި އަހަރަށް ފަސްކުރަން ޖެހުނު "83" އަކީ "ބަޖްރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރް 2017 ގެ "ޓިއުބްލައިޓް" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ.