Roadha Mihaaru
ރަންވީރާއި ދީޕިކާގެ "83" ގެ ޓީޒާއެއް

ރަންވީރާއި ދީޕިކާގެ "83" ގެ ޓީޒާއެއް

27 ނޮވެމްބަރ 2021

މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ރިލީޒް ކުރުން ފަސްކޮށްފައި އޮތް ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ގެ ޓީޒާއެއް ދައްކާލައި، ފިލްމުގެ ރަސްމީ ޓްރެއިލާ އަންނަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ރިލީޒް ކުރުން ފަސްކޮށްފައި އޮތް ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ގެ ޓީޒާއެއް ދައްކާލައި، ފިލްމުގެ ރަސްމީ ޓްރެއިލާ އަންނަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމު އަންނަ މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އިރު، މިއީ ކަބީރު ޚާންގެ ޑައިރެކްޝަނެކެވެ. ސަލްމާން ޚާންގެ "އޭކް ތަ ތައިގާ" އާއި "ބަޖްރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ސަލްމާންގެ 2017 ގެ ފްލޮޕް ފިލްމު "ޓިއުބްލައިޓް" އެވެ.

ރަންވީރާއި ދީޕިކާ ޕަދްކޯން 2018 ގައި ކައިވެނިކުރި ފަހުން ދެމަފިރިންގެ ޖޯޑު ސްކްރީނުން އެކީގައި ފެންނާނެ "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މީގައި ރަންވީރު ކުޅެފައި ވަނީ އޭރު އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. ދީޕިކާ ކުޑަ ރޯލަކުން ފެންނާނެ "83" ގައި ކުޅެފައި ވަނީ ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

މައިގަނޑު ގޮތެއްގައި މުޅިން ވެސް ކްރިކެޓްގެ މަންޒަރުތަކެއް ފެންނާނެ ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސާގިބް ސަލީމް، ތާހިރް ރާޖް ބާސީން، ހާޑީ ސަންދޫ، އައްމީ ވާކް، ބޮމަން އިރާނީ އަދި ޕަންކަޖް ތުރިޕަތީ ފަދަ އެކްޓަރުން ހިމެނެ އެވެ.

އަންނަ މަހު "83" ރިލީޒްކުރާ އިރު، ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ގަލީ ބޯއި" އެވެ. އަންނަ އަހަރު ރިލީޒް ކުރާނެ އޭނަގެ ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކޮމެޑީ ފިލްމު "ޖަޔޭޝްބާއީ ޖޯރުދާރު" އާއި ކަރަން ޖޯހަރްގެ ރޮމޭންޓިކް ޑްރެމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި ރޯހިތު ޝެޓީގެ "ސާކަސް" ހިމެނެ އެވެ.