Roadha Mihaaru
ދީޕިކާ އަށް އަނެއްކާ ވެސް އިންޓަނޭޝަނަލް ފިލްމެއް

ދީޕިކާ އަށް އަނެއްކާ ވެސް އިންޓަނޭޝަނަލް ފިލްމެއް

01 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އަނެއްކާ ވެސް އިންޓަނޭޝަނަލް ޕްރޮޖެކްޓަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އަނެއްކާ ވެސް އިންޓަނޭޝަނަލް ޕްރޮޖެކްޓަކަށް ސޮއިކޮށްފި އެވެ.

ދެހާސް ސަތާރައިގެ ހޮލީވުޑް ފިލްމު، ވިން ޑީޒެލްގެ "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ ރޯލެއް ކުޅުނު ބަތަލާ މި ފަހަރު ސޮއިކޮށްފައި ވަނީ އަމިއްލަ ފިލްމު ކުންފުނި، ކާ ޕްރޮޑަކްޝަނާއި ހޮލީވުޑްގެ ކުންފުނިތަކެއް ހިއްސާވެގެން ހަދާ ކްރޮސް-ކަލްޗްރަލް ކޮމެޑީއަކަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގައި އެކްޓްކުރުގެ އިތުރަށް ދީޕިކާ އަކީ މީގެ ޕްރޮޑިއުސަރެއް ވެސް މެ އެވެ.

ފިލްމު ހަދަން ނިންމާފައި ވަނީ އިރޯސް އެސްޓީ އެކްސް ގްލޯބަލް ކޯޕަރޭޝަންގެ ދަށުން ހިންގާ އެސްޓީއެކްސް ފިލްމްސް އާއި "ފޯލްޓް އިން އަވާ ސްޓާސް" އާއި "ޓްވައިލައިޓް" ސާގާ އަދި "ލަވް، ސައިމަން" ފަދަ ފިލްމުތައް ޕްރޮޑިއުސްކުރި ޓެމްޕަލް ހިލް ޕްރޮޑަކްޝަންގެ އިތުރުން ކާ ޕްރޮޑަކްޝަން ގުޅިގެންނެވެ.

މި ފިލްމާ ބެހޭ ގޮތުން އެސްޓީއެކްސް ފިލްމްސް މޯޝަން ޕިކްޗަ ގްރޫޕްގެ ޗެއާމަން އެޑަމް ފޮގެލްސަން ވިދާޅުވީ ދީޕިކާއާ އެކު ފިލްމު ހަދަން ނިންމީ އޭނާ އަކީ މިހާރު އިންޑިއާގެ ތަރިންގެ ތެރެއިން ބައިނައަގްވާމީ މައިދާނުގައި އެންމެ ވިދާ އެއް ތަރިއަށްވާތީ ކަމަށެވެ.

"ހާއްސަކޮށް އޭނަ އަކީ ވަރަށް ވެސް ހުނަރުވެރި އެހާމެ މަގުބޫލު، އާންމުންގެ ތެރޭގައި އެހާ މަޝްހޫރު ބަތަލާއެއް. އެހެންވެ އަހަރެމެން ވަރަށް އުންމީދުކުރަން ދީޕިކާއާ އެކު ކުރެވޭ މި މަސައްކަތަކީ ވަރަށް ކާމިޔާބު އެއްޗަކަށް ވާނެ ކަމަށް." އެޑަމް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުނީ ބައިނަލްއަގްވާމީ ޓީމަކާ އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވި މައިގަނޑު ސަބަބަކީ މޮޅު ކޮންޓެންޓްތަކެއް ގެނެސްދިނުން ކަމަށެވެ.

"އަހަރެންގެ ކުންފުނި ކާ އަކީ އަބަދު ވެސް ތަފާތު އަދި ވަރުގަދަ ކޮންޓެންޓްތަކެއް ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތްކުރާނެ ތަނެއް،" ދީޕިކާ ބުންޏެވެ. "މިގޮތަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ހުނަރު ތަރައްގީކުރެވި، އެކި ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނަށް އެކީގައި މަސައްކަތްކުރުމުގެ ދޮރުތައް ވެސް ހުޅުވިގެން ދާނެ."

ދީޕިކާގެ ކާ ޕްރޮޑަކްޝަނުން ގެނެސްދިން ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އޭނާ ފެނިގެން ދިޔަ" "ޗަޕާކް" އެވެ. އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފިރިމީހާ ރަންވީރާ އެކު ކުޅެފައިވާ "83" އާއި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ހިންދީ ރިމޭކް ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕަތާން" އާއި "ފައިޓާ" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ޕްރަބާސްއާ އެކު ކުޅޭ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.