Roadha Mihaaru
އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް ރަންވީރަށް

އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް ރަންވީރަށް

23 ފެބުރުއަރީ 2021

އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ އެކްޓަރު ރަންވީރު ސިންގަށް އަނެއްކާ ވެސް ވަރަށް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ އެކްޓަރު ރަންވީރު ސިންގަށް އަނެއްކާ ވެސް ވަރަށް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ އަށް ފުރުސަތު ލިބުނު އާ ޕްރޮޖެކްޓަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ހުނަރުވެރި ތަމަޅަ ޑައިރެކްޓަރު އެސް ޝަންކަރްގެ ފިލްމެކެވެ. މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާކުރަން މި މަހުގެ ކުރީކޮޅު ރަންވީރު ޗެންނާއީ އަށް ގޮސް ޝަންކަރާ ބައްދަލު ވެސް ކޮށްފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނިގޮތުގައި ރަންވީރާ އެކު ޝަންކަރު ހަދަން ބޭނުން ވަނީ ޕޭން-އިންޑިއާ ފިލްމެކެވެ. މާނަ އަކީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ ހުރިހާ ބަހުރުވައެއްގެ މީހުންނަށް ހާއްސަކޮށްގެން ފިލްމު ހަދަން ނިންމާފައިވާ އިރު، އޭގެ ޕްލޮޓް ރަންވީރާ ވަނީ ހިއްސާކޮށްފަ އެވެ. އެކަމަކު އަދި ރަންވީރު ރަސްމީކޮށް ފިލްމަށް ސޮއެއް ނުކުރެ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރަންވީރަށް ޝަންކަރް ހުށަހެޅި ފިލްމަކީ އޭނާ 2005 ގައި ގެނެސްދިން ސައިކޮލޮޖިކަލް އެކްޝަން ތުރިލާ "އައްނިޔަން" އާ ވައްތަރު ފިލްމަކަށްވާތީ، މިހާރު ސްކްރިޕްޓަށް އިތުރު ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.

ޝަންކަރް އެންމެ ފަހުން ގެނެސްދިނީ ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު ވިލަންއެއްގެ ރޯލު ކުޅުނު، ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" އެވެ. އެ ފިލްމަކީ އޭނާ ރަޖްނީކާންތާއި އައިޝްވާރިއާ ރާއީއާ އެކު 2010 ގައި ގެނެސްދިން "ރޮބޮޓް" ގެ ސީކްއެލް އެވެ.

ޝަންކަރް ދެން އެންމެ އަވަހަށް ގެނެސްދޭނީ ކަމަލް ހަސަން ލީޑް ރޯލު ކުޅެފައިވާ "އިންޑިއަން 2" އެވެ. އެ ފިލްމަކީ އެ ދެ މީހުން 1996 ގައި ގެނެސްދިން "އިންޑިއަން" ގެ ސީކްއެލް އެވެ.

ރަންވީރާ އެކު ޝަންކަރް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު ދާދި ފަހުން އޭނާ ވަނީ ތެލެގޫ އެކްޓަރު ރާމް ޗަރަންއާ އެކު ފިލްމެއް ހަދާކަން ވެސް އިއުލާންކޮށްފަ އެވެ. އަންނަ އަހަރު ގެނެސްދޭނެ އެ ފިލްމަކީ ޝަންކަރް ޑައިރެކްޓްކުރާ 15 ވަނަ ފިލްމެވެ.

ރާމް ޗަރަންގެ ކުރިއަށް އޮތް ބޮޑު ފިލްމަކީ އޮކްޓޯބަރު 13 ގައި ގެނެސްދޭ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އެވެ.

ޝަންކަރްގެ ފިލްމަކުން ރަންވީރަށް ފުރުސަތު ލިބިފައިވާ އިރު އޭނާ ވަނީ ސަންޖޭ ލީލާ ބަންސާލީ އާއި އަދިތިޔާ ޗޯޕްޅާ އާއި ޒޯޔާ އަޚްތަރާއި ކަބީރް ޚާނާއި އަލީ އައްބާސް ޒަފަރާއި ރޯހިތު ޝެޓީ ފަދަ ކާމިޔާބު އަދި މޮޅެތި ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ.

ރޯހިތުގެ "ސާކަސް" ގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަ ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ތަޚުތު" ވެސް ހިމެނެ އެވެ.

ކަބީރާ އެކު ރަންވީރު މަސައްކަތްކުރި "83" ޖޫން 4 ގައި ރިލީޒްކުރާނެ އެވެ، އަދި އޭނާގެ "ޖަޔޭޝްބާއީ ޖޯރުދާރު" އޮގަސްޓް 27 ގައި ރިލީޒްކުރާނެ އެވެ.