Roadha Mihaaru
އަޑެލްގެ އާ އަލްބަމަކަށް ފޭނުން ފޯރި ނަގަނީ

އަޑެލްގެ އާ އަލްބަމަކަށް ފޭނުން ފޯރި ނަގަނީ

06 އޮކްޓޯބަރ 2021

އާ އަލްބަމެއް ނުގެސްދޭތާ އަހަރުތަކެއް ފަހުން އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް އާ އަލްބަމެއް ނެރެން ތަައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަލްބަމެއް ނުގެސްދޭތާ އަހަރުތަކެއް ފަހުން އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލް އާ އަލްބަމެއް ނެރެން ތަައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ އޭނާގެ ފޭނުން ވެސް އަންނަނީ ޓްވިޓާގައި ވަރަށް ފޯރީގައި ދައްކަމުންނެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކުރިން ތިން އަލްބަމެއް ގެނެސްދީފައިވާ ހުނަރުވެރި ފަންނާނުގެ އާ އަލްބަމަކީ "30" އެވެ. މިހާރު އުމުރުން 33 އަހަރުގެ އަޑެލް އަކީ އުމުރާ ގުޅުވައިގެން އަލްބަމްތައް ގެނެސްދޭ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ނެރުނު 2015 ގެ "25" އެންމެ ޒުވާން އުމުރާ ގުޅުވައިގެން ގެނެސްދިން އަލްބަމެވެ. އެ އަލްބަމް ނެރުނު އިރު އަޑެލްގެ އުމުރަކީ 27 އެވެ.

އޭނާގެ ދެވަނަ އަލްބަމް "21" ގެ ނަމުގައި 2011 ގައި ނެރުނު އިރު އުމުރަކީ 23 އެވެ. އަދި ފުރަތަމަ އަލްބަމް "19" 2008 ގައި ނެރުނު އިރު އުމުރަކީ 20 އެވެ.

އާ އަލްބަމް "30" އާ ބެހޭ ގޮތުން އަޑެލް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެ އަލްބަމްގެ ވާހަކަ އޭނާގެ ވިކިޕީޑިއާގެ ޑިސްކޯގްރަފީގައި ވެސް 2021 އާ އެކު ހިމަނާފައިވެ އެވެ. އެހެންވެ މި އަހަރު ނިމުމުގެ ކުރިން އަލްބަމް ނެރޭނެ ކަމަށް ފޭނުން ތިބީ އުންމީދު ކޮށްގެންނެވެ.

އަނެއްކޮޅުން ވަރަށް ގިނަ ދުވަސް ފަހުން އަޑެލް ވަނީ ޓްވިޓާ އަށް ވެސް އެނބުރި އައިސްފަ އެވެ. މިކަން ވެސް ގިނަ ބަޔަކު ގުޅުވާފައި ވަނީ އާ އަލްބަމްގެ ޕްރޮމޯޝަނާ އެވެ. ހޯމަ ދުވަހު "ހެލޯ ލިޓްރެލީ އިވްރީވަން" ޖަހާފައި ކުރި ޓްވީޓަށް ފަހު އަންގާރަ ދުވަހު ކުރި ޓްވީޓްގައި އިނީ "ހާޔީ ބޭބްސް" އެވެ.

ދަރިޔަކު ވެސް ހުއްޓައި އަލަތު ކައިވެނި ރޫޅާލައި މިހާރު އާ ބައިވެރިޔަކު ވެސް ހޯދާފައިވާ އަޑެލް އަކީ 14 ގްރެމީ ހާސިލު ކޮށްފައިވާ ފަންނާނެކެވެ.