Roadha Mihaaru
އެޑެލްގެ ލަވައެއް ޑިލިޓްކުރަން ކޯޓު އަމުރެއް ނެރެފި

ކޮޕީކުރި ކަމުގެ ތުހުމަތުގައި އެޑެލްގެ ލަވައެއް ޑިލިޓްކުރަން ކޯޓު އަމުރެއް ނެރެފި

21 ޑިސެމްބަރ 2024

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް ލަވައެއް ކޮޕީކުރި ކަމަށް ތުހުމަތުކޮށް، އެ ލަވަ ޑިލިޓްކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް ލަވައެއް ކޮޕީކުރި ކަމަށް ތުހުމަތުކޮށް، އެ ލަވަ ޑިލިޓްކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ބްރެޒިލްގެ ކޯޓަކުން އެ އަމުރު ނެރުނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ލަވައިގެ ރައިޓްސް އޮންނަ ސޮނީ އާއި ޔުނިވާސަލްއާ ދެކޮޅަށް ނެރުނު އެ އަމުރުގައި ވަނީ މި މައްސަލައިގެ ކޯޓު މަރުހަލާ ނިމެންދެން އެ ލަވަ ހުރިހާ ސްޓްރީމިން ޕްލެޓްފޯމްތަކުން ޑިލިޓްކުރުމަށާއި ބްރޯޑްކާސްޓް ނުކުރަން ވެސް އަންގައިފަ އެވެ.

އެޑެލް ކޮޕީކުރި ކަމަށް ތުހުމަތުކުރާ ލަވައަކީ 2015 ވަނަ އަހަރު އޭނާ ގެނެސްދިން "މިލިއަން އިޔާސް އެގޯ" އެވެ. އެއީ އެ އަހަރު އޭނާގެ ގެނެސްދިން އަލްބަމް "25"ގެ ލަވައެކެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ބްރެޒިލްގެ މިއުޒިކް ކޮމްޕޯސަރެއް ކަމަށްވާ ޓޮނިނޯ ގްރޭސް އެވެ. އޭނާ ބުނާ ގޮތުގައި، އެޑެލްގެ "މިލިއަން އިޔާސް އެގޯ" އަކީ 1995 ވަނަ އަހަރު އޭނާ އުފެއްދި އަލްބަމެއް ކަމަށްވާ "މުލްހެރެސް"ގައި ހިމެނޭ ލަވައެއްގެ ކޮޕީއެކެވެ.

ޓޮނިނޯ ހުށަހެޅި މައްސަލާގައި ވަނީ އެޑެލް އޭނާގެ ލަވަ ކޮޕީކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 160،000 ޑޮލަރު ނަގައިދިނުމަށް ވެސް އެދިފަ އެވެ.

މީގެ ކުރިން ތުރުކީގެ ލަވަކިޔުންތެރިޔަކު ވެސް އެޑެލްގެ މި ލަވައަކީ ކޮޕީއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.