Roadha Mihaaru
ސްޕޮޓިފައި ގެނެސްދިން ބަދަލަށް އެޑެލްގެ ޝުކުރު

ސްޕޮޓިފައި އިން ގެނެސްދިން ބަދަލަށް އެޑެލްގެ ޝުކުރު

23 ނޮވެމްބަރ 2021

މިދިޔަ ހުކުރު ދުވަހު ނެރުނު އާ އަލްބަމް "30" ގެ ލަވަތައް ސްޕޮޓިފައިގައި ހާވާލައިގެން އަޑުއެހުމުގެ ބަދަލުގައި ޓްރެކް ލިސްޓް ތަރުތީބުން އަޑުއެހުމަށް ބާރު އެޅުމުގެ ގޮތުން އެ ޕްލެޓްފޯމްގެ ޑިފޯލްޓް "ޝަފްލް" ބަޓަން ނަގައި ދިނުމުން އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޝުކުރު އަދާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހު ނެރުނު އާ އަލްބަމް "30" ގެ ލަވަތައް ސްޕޮޓިފައިގައި ހާވާލައިގެން އަޑުއެހުމުގެ ބަދަލުގައި ޓްރެކް ލިސްޓް ތަރުތީބުން އަޑުއެހުމަށް ބާރު އެޅުމުގެ ގޮތުން އެ ޕްލެޓްފޯމްގެ ޑިފޯލްޓް "ޝަފްލް" ބަޓަން ނަގައި ދިނުމުން އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޝުކުރު އަދާކޮށްފި އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ހަތަރު ވަނަ އަލްބަމުން ކިޔައިދޭ އަސްލު ވާހަކަ އަކީ ކޮބައިކަން އެނގޭނީ ޓްރެކް ލިސްޓް ގެނެސްދީފައި އޮތް ތަރުތީބުން އަޑު އަހައިފި ނަމަ އެވެ. އަލްބަމްގައި ބޯނަސް ޓްރެކްގެ ގޮތުގައި ހިމަނާފައިވާ ހަތަރު ލަވައާ އެކު ޖުމްލަ 15 ލަވަ ހިމެނެ އެވެ.

އަލްބަމްގެ މައިގަނޑު ލަވަތަކަކީ "ސްޓްރޭންޖާޒް ބާއި ނޭޗާ"، "އީޒީ އޮން މީ"، މައިި ލިޓްލް ލަވް"، "ކްރައި ޔޯ ހާޓް އައުޓް"، "އޯ މައި ގޯޑް"، "ކާންޓް އައި ގެޓް އިޓް"، "އައި ޑްރިންކް ވައިން"، "އޯލް ނައިޓް ޕާކިން"، "ވުމަން ލައިކް މީ"، "ހޯލްޑް އޮން"، "ޓު ބީ ލަވްޑް" އަދި "ލަވް އިޒް އަ ގޭމް" އެވެ.

އުމުރުން މިހާރު 33 އަހަރުގެ އެޑެލް ބުނެފައިވާ ގޮތުގައި އަލްބަމްތަކުގެ ލަވަތައް ހުންނާނީ އޭނާގެ އަލަތު ކައިވެނި ރޫޅުމާއި މަޔަކަށް ވުމާއި އޭގެ ފަހުން ހަޔާތަށް އައި ބަދަލުތަކާ ގުޅުވައިގެން ގެނެސްދީފަ އެވެ. އެހެންވެ ކޮންމެ ލަވަ އަކީ ވާހަކައެއް ކަމަށާއި މުޅި ވާހަކަ ފުރިހަމަވާނީ ހުރިހާ ލަވައެއް ތަރުތީބުން އަޑު އެހުމުން ކަމަށެވެ. އަދި "30" ގެ ލަވަތަކަކީ ދަރިފުޅު އެންޖެލޯ އެޑްކިންސް އަށް ހަޔާތުގެ ވާހަކަ ކިޔައިދޭން ހެދި އަލްބަމެއް ކަމަށް ވެސް 15 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނު ބުންޏެވެ.

އެ ވިސްނުމުގައި އޭނާ ސްޕޮޓިގައި އެދުނު އެދުމަކަށް "ޝަފްލް" ބަޓަން ނަގައި ދިނުމުން ޝުކުރު އަދާކޮށް އެޑެލް ބުނީ ބަދަލު ގެނެސް މިއުޒިކް އިންޑަސްޓްރީގެ ތެރެއިން ފެންނަން އެންމެ ބޮޑަށް ބޭނުންވި ބަދަލު ކަމަށެވެ.

ސްޕޮޓިފައި އަކީ މިއުޒިކް ސްޓްރީމްކުރާ އެންމެ ބޮޑު ފްލެޓްފޯމެވެ. މީގެ 13 އަހަރު ކުރިން ވުޖޫދަށް އައި އެ ބޭނުންކުރާ މީހުންގެ އަދަދު 381 މިލިއަނަށް އަރަ އެވެ. މީގެ ތެރެއިން ފީ ދައްކައިގެން 172 މިލިއަން މީހުން ސްޕޮޓިފައި ބޭނުންކުރާ އިރު، ހިލޭ އެ ބޭނުންކުރާ މީހުންގެ އަދަދު 220 މިލިއަނަށް އަރަ އެވެ.