Roadha Mihaaru
ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި

ޔާމީންގެ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓު ނެރެފި

05 އޮކްޓޯބަރ 2021

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރެފި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ފަށާފައިވާއިރު، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް ޔާމީންގެ ފަރާތުން އެދިފައިވެ އެވެ.

އިއްޔެގެ އަޑުއެހުމުގައި ޔާމީންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާއި ކަފާލާތުގެ ދަށުން ދޫކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދު ބެންޗުން ނިންމީ ކަފާލާތު ނުދިނުމަށެވެ. އެކަމަކު، ޔާމީންގެ ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެދެއްވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުގައި އިސްތިއުނާފީ މަރުހަލާގައި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރާނެ ގޮތް ބަޔާންކޮށްފައި ނުވާކަން ނިންމުމުގައި ވަނީ ފާހަގަކޮށްފަ އެވެ. ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރުނީ، ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަ ނިމުމުގެ ކުރިން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ޝަރީއަތެއް ހިންގައި ގޮތެއް ކަނޑައަޅައިފި ނަމަ އިންސާފު ގާއިމުވުމަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީ އެވެ.

ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރެއް ނެރުމަށް ވެސް މިއަދު ޔާމީންގެ ފަރާތްޕުޅުން އެދުނެވެ. އެކަަމަކު، ބެންޗުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ.

ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް، ދެން އެ ފައިސާ ނެގޭނީ ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމުގެ މައްސަލަ ނިންމާ ގޮތަކުންނެވެ.

ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.