Roadha Mihaaru

ޔާމީން ޖަލަށް ނުލާ ނަމަ ފަނޑިޔާރުން ވަކިކުރަން ޖެހޭ: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގައި މިއަދު އިންޒާރު ދެއްވައިފި އެވެ.

ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގައި މިއަދު އިންޒާރު ދެއްވައިފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އާޒިމް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން އެނގުނު އެއް ކަމަކީ އިދިކޮޅު ލީޑަރު ޔާމީން ދޫކޮށްލާފައި ބަހައްޓަން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ.

އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި، ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރި ކަމާއި ބޭންކުގެ ލޯނަކާ ނުލައި ބޮޑު އިމާރާތެއް ހަދަނީ ދައުލަތުގެ ހަޒާނާ އިން އިންތިހާ އަަށް ފައިސާ ނަންގަވައިގެން ކަން އެންމެންނަށް އެނގެ އެވެ. އެހެންވެ، ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމަށް މަގުތަކަށް ނުކުމެވަޑައިގެން ޔާމީނަށް އުޅުއްވުމުގެ ފުރުސަތު ދޭންވީތޯ ވިދާޅުވެ އާޒިމް ސުވާލު އުފެއްދެވި އެވެ.

"ރައްޔިތުން ބުނީ އަޅުގަނޑުމެން އެ ކަންކަން ހުއްޓުވާށޭ. ފަނޑިޔާރުން އެ ކަން ނުކޮށްފިއްޔާ އަޅުގަނޑުމެން މި ތިބީ ވަކި ކުރަން ޖެހުނު ކޮންމެ ބައެއް ވަކި ކުރަން ނުކުމެ ތައްޔާރަށް،" އެމްޑީޕީން ކާމިޔާބުކުރި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއާ ގުޅޭ ގޮތުން އާޒިމް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ "އަޖައިބެއް ކަހަލަ ހުކުމެއް" ކަމަށް އާޒިމް ވިދާޅުވި އެވެ. ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އެ ކަންކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރަން ޖެހޭ ކަމަށާއި ފަނޑިޔާރުން އަމަލު ކުރަނީ ރަނގަޅަށްތޯ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެންނެވި ފަރާތްތައް [ފަނޑިޔާރުން] ގޯސްކޮށް ކަންތައް ކުރާއިރު ވަކިނުކޮށް އަޅުގަނޑުމެން މިތާ ތިބޭ ކަމަށް ވާ ނަމަ އެއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެވޭ ވަރަށް ދެރަ ނިކަމެތި ކަމެއް. ރައްޔިތުން އެ ދިން އިތުބާރަށް ފުރަގަސް ދިނުން،" އާޒިމް ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 30، 2021 ގަ އެވެ.

ޔާމީން މިނިވަންވީ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާގައި އެ މަނިކުފާނާ އެއްކޮޅަށް ރައުޔު އައުމުންނެވެ. އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާ މެދު ޝައްކު އުފެދުނީ އެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކު ނަމްބަރުތައް ދިމާނުވާތީ އެވެ.

އެ ހުކުމުން ޔާމީން ސަލާމަތްވިޔަސް އެ މަނިކުފާނުގެ މައްޗަށް އިތުރު އެހެން މައްސަލަތަކުގެ ދައުވާތަކެއް ވެސް ވަނީ އުފުލައިފަ އެވެ.

ޖަލު ހުކުމުން ސަލާމަތް ވުމަށް ފަހު، ޔާމީން ގެންދަވަނީ އިދިކޮޅު ހަރަކާތްތައް ފުޅާކޮށް، ސަރުކާރަށް އެކި ގޮތްގޮތަށް ފިއްތުންތައް ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވައިލާ ހަރަކާތްތައް ވަނީ ވަރުގަދަ ކުރައްވައިފަ އެވެ.