Roadha Mihaaru

ފަހަތުން އަރައި ފިއޮރެންޓީނާ ބަލިކޮށް ނަޕޯލީން ރެކޯޑް ދަމަހައްޓައިފި

ފްލޮރެންސް (ސެޕްޓެމްބަރު 4) - އިޓާލިއަން ސެރީއާ ގައި ރޭ ފިއޮރެންޓީނާއާއާ ވާދަކޮށް، ނަޕޯލީން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް، މި ސީޒަނުގެ ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

ފިއޮރެންޓީނާ ބަލިކޮށް ނަޕޯލީން ރެކޯޑް ދަމަހައްޓައިފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

04 އޮކްޓޯބަރ 2021

ފްލޮރެންސް (ސެޕްޓެމްބަރު 4) - އިޓާލިއަން ސެރީއާ ގައި ރޭ ފިއޮރެންޓީނާއާއާ ވާދަކޮށް، ނަޕޯލީން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް، މި ސީޒަނުގެ ލީގުގައި ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފިއޮރެންޓީނާ އެވެ.

އެ ޓީމުން ލީޑު ނެގި ލަނޑު ކާމިޔާބު ކޮށްދިނީ 28 ވަނަ މިނިޓުގައި ޑިފެންޑަރު މާޓިނޭޒް ކުއާޓާ އެވެ. އޭގެ ނުވަ މިނިޓް ފަހުން ނަޕޯލީ އަށް ލިބުނު ޕެނަލްޓީ ލޮރެންޒޯ އިންސިނިއޭ ފޮނުވައިލުމުން ފިއޮރެންޓީނާގެ ކީޕަރު މަތަކުރި ނަމަވެސް ރީބައުންސް ބޯޅަ ޖަހަން ޖޮރެންޒޯ ދަނިކޮށް، ކީޕަރު ޕަންޗް ކުރުމުން ލިބުނީ ނަޕޯލީގެ ހާވިން ލޮޒާނޯ އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލުގެތެރަށް ބޯޅަ ފޮނުވާލައިގެން ނަޕޯލީ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ،

ދެވަނަ ހާފު ފެށިގެން ފަސް މިނިޓް ތެރޭގައި ނަޕޯލީ އަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ ޕޮލެންޑުގެ މިޑްފީލްޑަރު ޕިއޮޓްރޭ ޒިއެލިންސްކީ ފްރީ ކިކަކުން ނަގައިދިން ހުރަހެއް ޑައިވިން ހެޑާ އަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާމިރް ރަހްމާނީ އެވެ.

މި ނަތީޖާއާއެކު ނަޕޯލީ އޮތީ ކުޅުނު ހަތް މެޗުން ހޯދި 21 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި 3-2 އިން އެޓަލާންޓާ ބަލިކުރި އޭސީ މިލާނެވެ.

މެޗުގައި އެޓަލާންޓާގެ ދެ ގޯލު ވެސް ޖެހީ މިލާނުން ތިން ލަނޑު ޖަހާފައި ވަނިކޮށެވެ. އޭސީ މިލާނަށް ކުޅުނު ހަތް މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. އިންޓަމިލާން ތާވަލުގެ ތިންވަނައިގައި 17 ޕޮއިންޓާއެކު އޮތްއިރު، 15 ޕޮއިންޓު ހޯދައިގެން ހަތަރު ވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން އެމްޕޯލީ ބަލިކުރި އޭއެސް ރޯމާ އެވެ.