Roadha Mihaaru
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި

ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި

19 ސެޕްޓެމްބަރ 2022

މިލާން (ސެޕްޓެމްބަރު 19) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ރޯމާ އާއި އިންޓަ މިލާނާއި ޗެމްޕިއަން އޭސީ މިލާން ވެސް ބަލިވެ، ލީގު ތާވަލުގެ އެއް ވަނައަށް ނަޕޯލީ ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (ސެޕްޓެމްބަރު 19) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ރޯމާ އާއި އިންޓަ މިލާނާއި ޗެމްޕިއަން އޭސީ މިލާން ވެސް ބަލިވެ، ލީގު ތާވަލުގެ އެއް ވަނައަށް ނަޕޯލީ ޖެހިލައިފި އެވެ.

ނަޕޯލީ އެއް ވަނަ އަށް ޖެހިލީ ރޭ ރަށުން ބޭރުގައި މިލާނާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗަށް ނުކުތް އިރު މިލާނުގެ ފޯވާޑް ރަފައެލް ލެއާއޯ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އަނިޔާގެ ސަބަބުން ނަޕޯލީގެ ސްޓްރައިކަރު ވިކްޓާ އޮސިމްހެން ވެސް މި މެޗުގައި ނުކުޅެ އެވެ.

މިލާނުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ހޯދި ނަމަވެސް، ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ލީޑު ނެގީ ނަޕޯލީ އިންނެވެ. އެޓީމުން ލީޑު ނެގީ ސާޖީނިއޯ ޑެސްޓް ކުރި ކުށަކަށް ދިން ޕެނަލްޓީއަކުން މަޓެއޯ ޕޮލިޓާނޯ އެވެ.

ނަޕޯލީ އިން ލީޑު ނެގިތާ 14 މިނިޓު ތެރޭ މިލާނުން އެއްވަރުކުރީ، ތިއޯ ހެނާންޑޭޒް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން، އޮލިވިއޭ ޖިރޫ ކާމިޔާބު ކުރި ގޯލުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 މިނިޓަށް ވެފައި ވަނިކޮށް ނަޕޯލީ މޮޅުވި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޖިއޮވާނީ ސިމިއޯނީ އެވެ.

ނަޕީލޯ އިން ދެވަނަ ފަހަރަށް ލީޑު ނެގި ފަހުން ވެސް މިލާނުން ނަތީޖާ އެއްވަރު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް އެންމެ ރަނގަޅު ފުރުސަތުގައި ޖިރޫ ޖައްސާލި ބޯޅައެއް އެ ޓީމުގެ ޕިއޭރޭ ކަލޫލޫ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ނަތީޖާއާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ ކުޅުނު ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެޓަލާންޓާ ވެސް ވަނީ 1-0 އިން ރަށުން ބޭރުގައި ރޯމާ ބަލިކޮށް 17 ޕޮއިންޓް ހޯދައިފަ އެވެ. ނަޕޯލީ އަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ.

އެޓަލާންޓާ އިން ރޯމާ ބަލިކުރި ލަނޑު ޖެހުމަށް ފަހު، ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެޓަލާންޓާ އިން ރޯމާ ބަލިކުރި ލަނޑު ޖެހުމަށް ފަހު، ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެޓަލާންޓާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 35 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖޯޖިއޯ ސްކަލްވީނީ އެވެ. ރޯމާއަށް ވަނީ މެޗުގައި ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ. އަދި އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބާލާ އަށް ވަނީ މެޗު ފެށުމުގެ ކުރިން ވޯމްއަޕް ގައި އަނިޔާވެފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ރޯމާގެ ނިކޯލޯ ޒަނިއޯލޯ އަށް އޭރިއާ ތެރެއިން ފައުލް ކުރި ކަމަށް ބުނެ އެޕީލް ކުރި ނަމަވެސް ރެފްރީ ޕެނަލްޓީއެއް ދީފައި ނުވެ އެވެ. އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުން ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

"އަހަރެން ކުޅުންތެރިންނަށް ދޭ އިރުޝާދުތައް ބަދަލު ކުރަން ވެއްޖެ، އަހަރެން އެމީހުން ކައިރީ ބުނަންވީ އެއްގޮތަކަށް ވެސް ކޮޅަށް ނުހުންނަން، ޖޯކަރަކަށް ވެގެން މި ލީގުގައި ގިނަ ކުޅުންތެރިން އަމަލުކުރާ ގޮތަށް ސުވިމިން ޕޫލެއްގައި ޑައިވް ކުރާ ހެން އުޅެން ވީ،" މޮރީނިއޯ ބުންޏެވެ.

އެޓަލާންޓާ އަތުން ބަލިވުމާ އެކު ރޯމާ ވަނީ ހަތް މެޗުން ހޯދި 13 ޕޮއިްނޓާ އެކު ތާވަލުގެ ހަތް ވަނައަށް ވެއްޓިފަ އެވެ. އެއް ޕޮއިންޓް މަދުން 12 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތީ އިންޓަ މިލާނެވެ.

އުޑިނޭޒީ އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އުޑިނޭޒީ އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިންޓަ މިލާން ވަނީ ރަށުން ބޭރުގައި އުޑިނޭޒީއާ ވާދަކޮށް 3-1 އިން ބަލިވެފަ އެވެ.

މެޗުގެ ފަސް ވަނަ މިނިޓުގައި ނިކޯލޯ ބަރޭލާ ގެ ލަނޑުން އިންޓަ އިން ލީޑު ނަގައިފައި ވަނިކޮށް، ނަތީޖާ އެއްވަރުވީ ޑިފެންޑަރު މިލާން ސްކްރިނިއޭ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އުޑިނޭޒީ އަށް ލީޑު ނަގައިދިން ލަނޑު 84 ވަނަ މިނިޓުގައި ޖަހައިދިނީ ޖާކާ ބިޔޯލް އެވެ. އަދި ލީޑު ފުޅާކޮށް ތިން ޕޮއިންޓް ކަށަވަރުކުރީ އިތުރު ވަގުތުގައި ޓޮލްގޭ އާސަލާން ޖެހި ލަނޑުންނެވެ.

"މިއީ އަހަރެމެން ލީޑު ނަގާ ފަހުން 3-1 ގެ ނަތީޖާއަކުން ބަލިވި ތިންވަނަ މެޗު. ރަށުން ބޭރުގައި ކުޅުނު ތިން މެޗުން ބައިކޮޅަށް ނުވަ ގޯލު ވަދެއްޖެ. މިދިޔަ ސީޒަނުގެ ފުރަތަމަ ބުރުގައި އެކަނި ވެސް އަހަރެމެން ކޮޅަށް ވަނީ ގާތްގަނޑަކަށް މިވަރަށް،" މެޗަށް ފަހު އިންޓަގެ ކޯޗު ސިމިއޯނީ އިންޒާގީ ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި އޭސީ މިލާން އަތުން ބަލިވެ، ދެވަނަ މެޗުގައި ސެލަނިޓާނާއާ އެއްވަރު ވިޔަސް، ފަހުން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް އުޑިނޭޒީ އޮތީ 16 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ.

ހަތަރު ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދާފައިވާ ލާޒިއޯ އެވެ. ލާޒިއޯ އިން ވަނީ 4-0 އިން ކްރެމޮނޭސީ ބަލިކޮށްފަ އެވެ.

މޮންޒާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މޮންޒާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިލާނުގެ ކުރީގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީގެ މޮންޒާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ.

މިދިޔަ ހަފްތާ ސެލަނިޓާނާއާ ދެކޮޅަށް ޔުވެންޓަސް އެއްވަރުވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ މި މެޗުގައި ބެންޗަކު ނެތެވެ. އަދި ފުރަތަމަ ހާފު ނުނިމެނީސް ޔުވެންޓަސްގެ ވިންގާ އެންހެލް ޑި މާރިއާ އަށް ރަތް ކާޑެއް ދެއްކުމުން މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

މޮންޒާ އިން ޖެހި ހަމައެކަނި ލަނޑު 74 ވަނަ މިނިޓުގައި ޖަހައިދިނީ ސިމޯން ގައިޓްކެޔާ އެވެ. މި ނަތީޖާއާ އެކު ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު މޮންޒާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް 18 ވަނައަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އޮތީ 10 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.

ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޔުވެންޓަސް އަށް ދެ މެޗު ކާމިޔާބު ކުރެވުނު އިރު ހަތަރު މެޗު ވަނީ އެއްވަރު ވެފަ އެވެ. މިއާ އެކު އެޓީމަށް ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިދީފައިވާ ކޯޗު އެލެގްރީ އަށް ސަޕޯޓަރުންގެ ޕްރެޝަރު ކުރިމަތިވެފައި ވިޔަސް، މެޗުގެ ކުރިން ޓީމުގެ ސީއީއޯ ބުނީ، ކޯޗު މަގާމުން ވަކިކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އެލެގްރީ އަށް ޔުވެންޓަސް އިން އަހަރަކު އަށް މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ދޭއިރު، އޭނާ ހުރީ 2025 އާ ހަމައަށް ކްލަބާ އެކު ކޮންޓްރެކްޓުގަ އެވެ.