Roadha Mihaaru
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި

ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ އަށް ދެ ވަނަ ގެއްލިއްޖެ

20 މާޗް 2023

ޓޮރިނޯ 4-0 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ މަސައްކަތުގައި އިތުރު ކުރިއެރުމެއް ހޯދިއިރު، ޔުވެންޓަސް އަތުން 1-0 އިން ބަލިވެ އިންޓަ އަށް ދެ ވަނަ މަގާމް ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓޮރިނޯ 4-0 އިން ބަލިކޮށް ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ މަސައްކަތުގައި އިތުރު ކުރިއެރުމެއް ހޯދިއިރު، ޔުވެންޓަސް އަތުން 1-0 އިން ބަލިވެ އިންޓަ އަށް ދެ ވަނަ މަގާމް ގެއްލިއްޖެ އެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު 19 ޕޮއިންޓުގެ ލީޑެއްގަ އެވެ. މިހާރު ދެ ވަނައިގައި، 52 ޕޮއިންޓާ އެކު އޮތީ ރޭ ވާދަވެރި ރޯމާ 1-0 އިން ބަލިކުރި ލާޒިއޯ އެވެ. ތިން ވަނަ އަށް ސޮއްސާލި އިންޓަ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

ތާވަލުގެ ހަތަރު ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ އުދިނޭޒީ އަތުން 3-1 އިން ބަލިވި އޭސީ މިލާނެވެ. އަދި ފަސް ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ ރޯމާ އެވެ. ރޭ އިންޓަ އަތުން މޮޅުވި ޔުވެންޓަސް އޮތީ 41 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

ރަށުން ބޭރުގައި ނަޕޯލީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރިންނަށް ވީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމްހެން އާއި ޖޯޖިއާގެ ކިވިޗާ ކްވަރަސްހޭލިއާ އެވެ. އޮސިމްހެން ދެ ލަނޑު ޖެހިއިރު ކިވިޗާ ޕެނަލްޓީއަކުން އެއް ލަނޑު ޖެހި އެވެ. އަނެއް ގޯލް ވައްދާލީ ޓެންގާއި ޑޮމްބެލޭ އެވެ.

އިންޓަގެ ދަނޑުގައި އެ ޓީމު އަތުން ޔުވެންޓަސް މޮޅުވީ 23 ވަނަ މިނެޓުގައި ސާބިއާގެ ފިލިޕް ކޮސްޓިޗް ޖެހި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔުވެންޓަސްގެ ލެއަންދްރޯ ޕަރެޑެސް އާއި އިންޓަގެ ޑަނީލޯ ޑިއެމްބްރޯސިއޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

މަކަރު ހެދި މައްސަލައެއްގައި 15 ޕޮއިންޓް އުނިކޮށްފައިވާ ޔުވެންޓަސް މިހާރު ނެރެމުން އަންނަ ނަތީޖާ އަށް ބަލާއިރު، ގަދަ ހަތަރެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އަދި އިސްތިއުނާފު މަރުހަލާ އަށް ފަހު، އުނިކުރި ޕޮއިންޓް ދީފި ނަމަ އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދިދާނެ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ލާޒިއޯ އާއި ރޯމާ ކުޅުނު ކެޕިޓަލް ޑާބީގައި، ރޯމާގެ ރޮޖާ އިބަނޭޒް އަށް 32 ވަނަ މިނެޓުގައި ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ރޯމާގެ އެކަކު މަދުވުމުގެ ފައިދާ ނަގައި، ލާޒިއޯ އިން ކުރި ހޯދީ 64 ވަނަ މިނެޓުގައި މަޓިއާ ޒަކަގަނީ ޖެހި ގޯލުންނެވެ. މި މެޗުގެ އިތުރު ވަގުތުގެ ތެރޭ ލާޒިއޯގެ އެޑަމް މަރުސިޗް އާއި ރޯމާގެ ބްރަޔަން ކްރިސްޓޭންޓް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.