Roadha Mihaaru

ނަޕޯލީ އާއި އިންޓަ މޮޅުނުވުމުން ލީގު ޗެމްޕިއަން ކަނޑައެޅުން ފަހު މެޗަށް

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ރޭ ކުޅުނު މެޗާއި، ދެ ވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗު އެއްވަރުވެގެން ނިމުމާ އެކު، ލީގު ޗެމްޕިއަން ކަނޑައެޅުން، އަންނަ ހަފުތާގައި އޮންނަ ލީގުގެ ފަހު މެޗުތަކާ ހަމަޔަށް ފަސްވެއްޖެ އެވެ.

އިޓަލީ ލީގު ޗެމްޕިއަން ކަނޑައެޅުން ފަހު މެޗަށް

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ރޭ ކުޅުނު މެޗާއި، ދެ ވަނައިގައި އޮތް އިންޓަ މިލާން ކުޅުނު މެޗު އެއްވަރުވެގެން ނިމުމާ އެކު، ލީގު ޗެމްޕިއަން ކަނޑައެޅުން، އަންނަ ހަފުތާގައި އޮންނަ ލީގުގެ ފަހު މެޗުތަކާ ހަމަޔަށް ފަސްވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި 79 ޕޮއިންޓާ އެކު އޮތް ނަޕޯލީ ރޭ އެއްވަރުވީ ޕާމާއާ 0-0 އިންނެވެ. ދެ ވަނައިގައި 78 ޕޮއިންޓާ އެކު އޮތް އިންޓަ އެއްވަރުވީ ލާޒިއޯއާ 2-2 އިންނެވެ.

މިހާރު ޕޮއިންޓް ޓޭބަލް އޮތް ގޮތަށް ބަލާއިރު، އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް ކުޅޭ މެޗުން ނަޕޯލީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އިންޓަ އަށް ލީގު ލިބޭނީ ނަޕޯލީ އެ މެޗުން މޮޅުނުވެ، އަދި އިންޓަ ކުޅޭ މެޗުން ކޯމޯ އަތުން މޮޅުވެގެންނެވެ. ދެ ޓީމު ކުޅޭ މެޗުތައް އެއްވަރުވެއްޖެ ނަމަ ލީގު ލިބޭނީ ނަޕޯލީ އަށެވެ. ނަޕޯލީ ބަލިވެ، އިންޓަ އެއްވަރުވެއްޖެ ނަމަ ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެ، އެ ހާލަތުގައި ލީގު ޗެމްޕިއަން ކަނޑައަޅާނީ، ދެ ޓީމުގެ މެޗުގައި ކުޅޭ މެޗަކުންނެވެ.

ރޭ އަމިއްލަ ދަނޑުގައި އިންޓަ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ޔާން ބިސެކްގެ ގޯލުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލީޑު ނަގައިފަ އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި ޕެޑްރޯގެ ގޯލުން ލާޒިއޯ އެއްވަރުކުރި އެވެ. މެޗު ނިމެން 10 މިނެޓަކަށް ވެފައިވަނިކޮށް ޑެންޒެލް ޑުމްފްރިސް އިންޓަ އަށް އަލުން ލީޑު ނަގައިދިނެވެ. ލާޒިއޯ އިން އެއްވަރުވީ 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕެޑްރޯ ޖެހި ގޯލުންނެވެ. އިތުރު ވަގުތުގެ ތެރޭ އިންޓަގެ މާކޯ އަރްނަޓޮވިޗަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އަދި އޭގެ ފަހުން އޭނާ ޖެހި ގޯލެއް އޮފްސައިޑް ވެސް ވި އެވެ.

އަދިވެސް އަމިއްލަ ބާރު އޮތް ނަމަވެސް ނަޕޯލީ އަށް ރޭ މޮޅުނުވެވުމަކީ، އެ ޓީމަށް ކުރިމަތިވި މާޔޫސްކަމެކެވެ. އެންމެ ފަހުން ޖެނޯއާއާ ދެކޮޅަށް ކުޅުނު މެޗު ވެސް 2-2 އިން އެއްވަރުވީ އެވެ. މި ދެ މެޗުން ފުލް ޕޮއިންޓް ހޯދުނު ނަމަ އެ ޓީމަށް މިހާރު އޮތީހީ ލީގު ކަށަވަރުވެފަ އެވެ.