Roadha Mihaaru
މިލާނުން ދެ ވަނައިގައި ތަފާތުކުޑަކޮށްފި

މިލާނުން ދެ ވަނައިގައި ތަފާތުކުޑަކޮށްފި

05 ޖެނުއަރީ 2023

ވޯލްޑް ކަޕަށް ފަހު އިޓާލިއަން ލީގު އަލުން ފަށައިގެން ރޭ އިންޓަ މިލާން އަތުން 1-0 އިން ނަޕޯލީ ބަލިވިއިރު، ސަލެނިޓާނާ އަތުން 2-1 އިން މޮޅުވެ ޗެމްޕިއަން އޭސީ މިލާނުން ތާވަލުގެ ދެ ވަނައިގައި ތަފާތުކުޑަކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވޯލްޑް ކަޕަށް ފަހު އިޓާލިއަން ލީގު އަލުން ފަށައިގެން ރޭ އިންޓަ މިލާން އަތުން 1-0 އިން ނަޕޯލީ ބަލިވިއިރު، ސަލެނިޓާނާ އަތުން 2-1 އިން މޮޅުވެ ޗެމްޕިއަން އޭސީ މިލާނުން ތާވަލުގެ ދެ ވަނައިގައި ތަފާތުކުޑަކޮށްފި އެވެ.

ރޭ ބަލިވިޔަސް ނަޕޯލީ އޮތީ 41 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. މިލާން ދެ ވަނައިގައި އޮތީ 36 ޕޮއިންޓާ އެކު އެވެ. ވޯލްޑް ކަޕުގެ ކުރިން ނަޕޯލީއާ އޮތް އަށް ޕޮއިންޓުގެ ދުރުމިން މިހާރު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ.

ތާވަލުގެ ތިން ވަނައިގައި އޮތީ ރޭ ކްރެމޮނީސޭ އަތުން 1-0 އިން މޮޅުވި ޔުވެންޓަސް އެވެ. އެ ޓީމަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ރޭ ނަޕޯލީ އަތުން މޮޅުވި އިންޓަ އޮތީ 33 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ރަށުން ބޭރުގައި އިއްޔެ ހަވީރު މިލާން ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމުން ރަފައެލް ލިއާއޯ އާއި ސަންޑްރޯ ޓޮނާލީގެ ލަނޑުތަކުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުން އޭގެ ފަހުން ގިނަ ހަމަލާތަކެއް އުފައްދައި ގޯލަށް ނުރައްކާކުރި އެވެ. އެކަމަކު އެ ހަމަލާތަކަށް ހުރަސް އެޅީ ދާދި ފަހުން ސަލެނިޓާނާއާ ގުޅުނު މެކްސިކޯގެ ތަޖުރިބާކާރު ގޯލްކީޕަރު ގުއިލާމޯ އޮޗޮއާ އެވެ. ފަސް ވޯލްޑް ކަޕުގައި ކުޅެފައިވާ އޮޗޮއާ އަކީ، އާއްމުކޮށް ކޮންމެ ވޯލްޑް ކަޕެއްގައި ވިދާލާ ކުޅުންތެރިއެކެވެ.

ސަލެނިޓާނާ އިން ފަހުކޮޅު ފެޑެރިކޯ ބޮނަޒިލޯގެ ގޯލުން ތަފާތު ކުޑަކޮށް މިލާން ހާސްކޮށްލި އެވެ. އެކަމަކު އެ ޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

އަމިއްލަ ދަނޑުގައި ނަޕޯލީ އަތުން އިންޓަ މޮޅުވީ 56 ވަނަ މިނެޓުގައި އެޑިން ޖެކޯ ޖަހައިދިން ގޯލުންނެވެ. މިއީ މި ސީޒަނުގައި ޔޫރަޕުގައި އެންމެ ފޯމުގައި އޮތް ނަޕޯލީ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.

ރަށުން ބޭރުގައި ކްރެމޯނޭސޭ އަތުން ޔުވެންޓަސް މޮޅުވީ ފަހު ސިކުންތުގައި އަރިކް މިލިޗް ޖެހި ގޯލުންނެވެ.