Roadha Mihaaru
ނަޕޯލީ ލީޑު ފުޅާކޮށްފި، މިލާނާއި އިންޓަ އަށް ޕޮއިންޓެއް

ނަޕޯލީ ލީޑު ފުޅާކޮށްފި، މިލާނާއި އިންޓަ އަށް ޕޮއިންޓެއް

08 އެޕްރީލް 2023

ލެއްޗޭ އަތުން 2-1 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި 19 ޕޮއިންޓުގެ ލީޑެއް ނެގިއިރު، އޭސީ މިލާން އަދި އިންޓަ މިލާން ކުޅުނު މެޗުތައް އެއްވަރުވެ ގަދަ ހަތަރެއް ކަށަވަރުކުރުމުގައި އުނދަގޫތަކަކާ ކުރިމަތިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލެއްޗޭ އަތުން 2-1 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި 19 ޕޮއިންޓުގެ ލީޑެއް ނެގިއިރު، އޭސީ މިލާން އަދި އިންޓަ މިލާން ކުޅުނު މެޗުތައް އެއްވަރުވެ ގަދަ ހަތަރެއް ކަށަވަރުކުރުމުގައި އުނދަގޫތަކަކާ ކުރިމަތިވެއްޖެ އެވެ.

މިދިޔަ ހަފުތާގައި މިލާން އަތުން 4-0 އިން ބަލިވި ނަޕޯލީ ރޭ އަލުން ފޯމަކަށް އެޅި އެއް ވަނައިގައި އޮތީ 74 ޕޮއިންޓާ އެކު އެވެ. އެ ޓީމާ އެންމެ ގާތުގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ލާޒިއޯ މިރޭ ޔުވެންޓަސް އަތުން މޮޅުވެއްޖެ ނަމަ ނަޕޯލީގެ ލީޑު 16 ޕޮއިންޓަށް ކުޑަވާނެ އެވެ.

ރޭ އަމިއްލަ ދަނޑުގައި އެމްޕޮލީއާ 0-0 އިން އެއްވަރުވި މިލާން އޮތީ 52 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ނަޕޯލީއާ ދެކޮޅަށް އޮތުމުން ރޭ މިލާން ނުކުތީ ބަދަލުތަކާ އެކު އެވެ. އެއާ އެކު އެ ޓީމަށް، މިދިޔަ ހަފުތާގައި ލީގުގައި ނަޕޯލީ އަތުން މޮޅުވި މެޗުގައި ދެއްކި ކުޅުން ތަކުރާރެއް ނުކުރެވުނެވެ.

އިންޓަ އެއްވަރުވީ ރަށުން ބޭރުގައި ސަލެނިޓާނާއާ 1-1 އިންނެވެ. އިންޓަގެ ރޮބިން ގޮސެންސް 6 ވަނަ މިނެޓުގައި ޖެހި ގޯލުން އެ ޓީމު މޮޅުވާން ދަނިކޮށް ސަލެނިޓާނާ އިން އެއްވަރުވީ 90 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންޑްރޭވާ ޖެހި ގޯލުންނެވެ.

އިންޓަ އޮތީ 51 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް ރޯމާ އާއި ހަ ވަނައިގައި އޮތް އެޓަލާންޓާ މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ އިންޓަ ހަ ވަނަ އަށް ވެއްޓޭނެ އެވެ. ނަޕޯލީ ގާތްގަނޑަކަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާތީ، ދެން އޮތް ޓީމުތަކުން މިހާރު މަސައްކަތްކުރަނީ ގަދަ ހަތަރެއް ކަށަވަރުކުރާށެވެ. މިލާން އާއި އިންޓަ މިވަގުތު ގަދަ ހަތަރެއްގެ ތެރޭ އޮތް ނަމަވެސް ފަހަކަށް އައިސް ނެރޭ ނަތީޖާތަކަށް ބަލާއިރު އޮތީ ރިސްކެއްގެ ތެރޭގަ އެވެ.