Roadha Mihaaru

އުދިނޭޒީ ބަލިކޮށް ނަޕޯލީ ލީގުގެ އެއްވަނައަށް ޖެހިލައިފި

އޫދިނޭ (ސެޕްޓެމްބަރު 21) - ފަސޭހަ ކަމާއެކު އުދިނޭޒީ ބަލިކޮށް ނަޕޯލީ އިން އިޓާލިއަން ލީގު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

އުދިނޭޒީ ބަލިކޮށް ނަޕޯލީ ލީގުގެ އެއްވަނައަށް ޖެހިލައިފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

21 ސެޕްޓެމްބަރ 2021

އޫދިނޭ (ސެޕްޓެމްބަރު 21) - ފަސޭހަ ކަމާއެކު އުދިނޭޒީ ބަލިކޮށް ނަޕޯލީ އިން އިޓާލިއަން ލީގު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ނަޕޯލީ އަކީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލި ނުވެ އޮތް ހަމައެކަނި ޓީމެވެ. ލީގު ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތީ މިލާނުގެ ދެ ކުލަބު ކަމަށްވާ އިންޓަ އަދި އޭސީ މިލާނެވެ. މި ދެޓީމު ވެސް ލީގުގައި މިހާތަނަށް ބަލިވެފައި ނުވި ނަމަވެސް އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ރޭގެ މެޗުގައި ނަޕޯލީ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެފްރިކާ ބައްރުގެ ކުޅުންތެރިއަކަށް އެންމެ ބޮޑު އަގު ދީފައި ގެނައި ނައިޖީރިއާގެ ފޯވަޑް ވިކްޓަ އޮސީމެން އެވެ. މެޗުގެ 24 ވަނަ މިނިޓުގައި އޭނާ ޖެހި މި ގޯލަކީ މި ސީޒަނުގައި އޭނާ ލީގުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އޮސީމެން ވަނީ މިދިޔަ ހަފްތާ އެޓީމުން ޔޫއެފާ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި އިނގިރޭސި ވިލާތުގެ ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ދެ ގޯލު ޖަހައި އެ ޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޮސީމެންގެ އިތުރުން ޑިފެންޑަރު އާމިރު އަހްމާނީ ވަނީ އިތުރު ލަނޑެއް ޖަހައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފު ފެށިތާ މާ ގިނައިރެއް ނުވެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ވަނީ ނަޕޯލީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މި މެޗުގެ ކުރިން ނަޕޯލީ ލީގުގައި އެންމެ ފަހުން ކުޅުނީ ޔުވެންޓަސްއާ ދެކޮޅަށެވެ. އެ މެޗުގައި ނަޕޯލީ މޮޅުކޮށްދިން ލަނޑު ވެސް ޖަހައިދިނީ ކުލިބާލީ އެވެ.

ނަޕޯލީގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ މެކްސިކޯގެ ފޯވަޑް ލޮޒާނޯ އެވެ.

މިއީ އުދިނޭޒީ ވެސް ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. ލީގުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޔުވެންޓަސްއާ އެއްވަރުކުރި އިރު ޖެހިގެން ކުޅުނު ދެ މެޗު ވެސް އެ ޓީމުން ކާމިޔާބު ކުރި އެވެ. މިއާއެކު އެޓީމު މި ވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ލީގު ތާވަލުގެ އަށްވަނައިގަ އެވެ.