Roadha Mihaaru
މާދަމާ ޓިކެޓް ވިއްކަން ފަށާނެ، ވެކްސިން ކާޑު ބޭނުންވޭ

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ، ވެކްސިން ކާޑު ބޭނުންވާނެ

28 ސެޕްޓެމްބަރ 2021

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށާއި، ޓިކެޓް ނަގާއިރު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން އަންގައިދޭ ވެކްސިން ކާޑު ބޭނުންވާނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށާއި، ޓިކެޓް ނަގާއިރު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން އަންގައިދޭ ވެކްސިން ކާޑު ބޭނުންވާނެ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މާދަމާ ހެނދުނު 10 ޖަހާއިރު ޓިކެޓް ވިއްކަން ފަށާއިރު، މާދަމާ ލިބެން ހުންނާނީ މުބާރާތް ހުޅުވާ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓެވެ. އެ ދުވަހު ހަވީރު ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުން މުބާރާތް ފަށާއިރު، ރޭގަނޑު ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ.

ކޮންމެ މެޗެއްގެ ޓިކެޓް ވެސް ވިއްކަން ހަމަޖެހިފައި ވަނީ މެޗު އޮންނަ ދުވަހުގެ ކުރިންނެވެ. ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކާނީ ގަލޮޅު ގަނޑުގެ އޮލިމްޕަސް ކުރިމައްޗަށް ހުންނަ ޓިކެޓް ކައުންޓަރުންނެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އޮކްޓޯބަރު 7 ވަނަ ދުވަހު ނުކުންނައިރު އެ މެޗުގެ ޓިކެޓް ވިއްކާނީ އޮކްޓޯބަރު 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު އެވެ. އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސްރީ ލަންކާއާާ ދެކޮޅަށް ނުކުންނަ މެޗުގެ ޓިކެޓް އޮކްޓޯބަރު 8 އަދި 9 ވަނަ ދުވަހު ވިއްކާއިރު، ލީގު ބުރުގެ ފަހު މެޗުގައި އޮކްޓޯބަރު 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 11 އަދި 12 ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކަށް ގޮނޑިބަރިން 100ރ. އަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ އިރު ސިޑިބަރީގެ ޓިކެޓްގެ އަގަކީ 75ރ. އެވެ.

ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. ވެކްސިން ކާޑު އޮތް ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވާއިރު، ދަނޑަށް ވަންނަ އިރު ވެސް ވެކްސިން ކާޑު ބޭނުންވާނެ އެވެ. އަދި މާސްކް އެޅުމަށް އެފްއޭއެމުން އިލްތިމާސް ކުރެ އެވެ.

ފަސް ޓީމާ އެކު ބާއްވާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ދާނީ ލީގު ބުރުގެ ކުޅުން ނިމި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗް އޮންނާނީ އޮކްޓޯބަރު 16 ވަނަ ދުވަހުގެ ރެ އެވެ.