Roadha Mihaaru
ކޭމްޕުގައި ގަތަރުގެ ދެ ކްލަބާ އެކު މެޗުތަކެއް

ކޭމްޕުގައި ގަތަރުގެ ދެ ކްލަބާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް

20 ސެޕްޓެމްބަރ 2021

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި މިހާރު ކޭމްޕުކޮށްފައިވާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ގަތަރުގެ ދެ ކްލަބަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅެން ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި މިހާރު ކޭމްޕުކޮށްފައިވާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ގަތަރުގެ ދެ ކްލަބަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅެން ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ މާދަމާގެ އިތުރުން އަންނަ ހޮނިހިރު ދުވަހުގައި ވެސް ގަތަރުގެ ކްލަބަކާ ދެކޮޅަށް މެޗު ކުޅޭނެ ކަމަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ ކްލަބަކީ ގަތަރުގެ ދެ ވަނަ ޑިވިޝަން ލީގު "ގަތަރު ގޭސް ލީގު"ގައި ވާދަކުރާ ކްލަބު، ލުސައިލް ސިޓީ އެފްސީ އާއި ގަތަރުގެ އާމީ ނެޝަނަލް ފުޓްބޯލް ކްލަބެވެ. ރާއްޖޭގެ މެޗަށް ތައްޔާރުވުމަށް، އާމީ ކްލަބުން ދަނީ ވަރުގަދަ އަށް ޓްރޭނިން ހަދަމުންނެވެ.

އާމީ ކްލަބުގެ ތައްޔާރީތައް

ޖަވާޒު ވިދާޅުވީ، އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއްގައި ލަންކާއާ ދެކޮޅަށް ކުޅެން އެންމެ ފަހުވަގުތާ ހަމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ލަންކާ އަށް ދަތުރު ކުރުވޭގޮތް ނުވުމުން މެޗު ކެންސަލް ކުރަން ޖެހުނުކަން އޭނާ ފާހަގަކުރެއްވި އެވެ. ގަތަރަށް ފުރުމުގެ ކުރިން ރާއްޖެއިން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ވެސް މެޗެއް ކުޅެން މަސައްކަތް ކޮށްފަ އެވެ.

ޖަވާޒް ވިދާޅުވީ ގަތަރުގެ ލޯކަލް ކްލަބުތަކާކާ އެކު މެޗުތައް ކުޅެން މަސައްކަތްކުރީ އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތައް ކުޅުމުގައި ކާމިޔާބު ނުވުމުން ކަމަށެވެ.

ގަތަރުގެ ޕްރިމިއާ ޑިވިޝަން "ގަތަރު ސްޓާ ލީގު" ގެ ކުރީގެ ޗެމްޕިއަން އަލް ދުހައިލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް 2017 ގައި ގައުމީީ ޓީމުން ވަނީ މެޗުތަކެއް ކުޅެފަ އެވެ. ގަތަރުގައި މިހާރު ކުރިއަށްދާ ޓްރޭނިން ކޭމްޕް ނިންމުމަށް ފަހު ގައުމީ ޓީމު މާލެ އަންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.