Roadha Mihaaru
ދޮޅުމަސް ތެރޭ ބުރުންޏަށް 65،000 ރާގޮނޑި!

ދޮޅުމަސް ތެރޭ ބުރުންޏަށް 65،000 ރާގޮނޑި!

28 ސެޕްޓެމްބަރ 2021

ތ. ބުރުނީގައި ހަމަ ކޮންމެ ދުވަހެއްގެ ހަވީރު އެ ރަށުގެ ރައްޔިތުން ނިކުމެ، ރާގޮނޑި ހިފަމުން އަންނަތާ މިހާރު ވަނީ ދޮޅު މަސް ވެފަ އެވެ؛ އަދި މިހާތަނަށް 65،000 ވުރެ ގިނަ ރާގޮނޑި ވަނީ ހިފައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. ބުރުނީގައި ހަމަ ކޮންމެ ދުވަހެއްގެ ހަވީރު އެ ރަށުގެ ރައްޔިތުން ނިކުމެ، ރާގޮނޑި ހިފަމުން އަންނަތާ މިހާރު ވަނީ ދޮޅު މަސް ވެފަ އެވެ؛ އަދި މިހާތަނަށް 65،000 ވުރެ ގިނަ ރާގޮނޑި ވަނީ ހިފައިފަ އެވެ.

"ރާގޮނޑި ހިފުމަކީ" އެ ރަށުގެ މީހުން ވަރަށް ކުރީންސުރެ ކުރަމުން އަންނަ، މިހާރު އެ ރަށުގެ ސަގާފަތާ ގުޅިފައި އޮތް ކަމެކެވެ. ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް، އެ ރަށުގެ ހުޅަނގު ފަރާތު ފަޅު ތެރެއަށް އާދަޔާ ހިލާފަށް ރާގޮނޑި ވަދެ އެވެ.

ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ

ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ

އާބާދީގައި 350 އަށް ވުރެ ގިނަ މީހުން ހިމެނޭ ބުރުނީގެ ކައުންސިލުން ބުނި ގޮތުގައި ވޭތުވެދިޔަ ދޮޅު މަސް ތެރޭ އެންމެ ގިނައިން ރާގޮނޑި ހިފައިފައި ވަނީ މިދިޔަ ހަފުތާގަ އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެކަނި ވެސް 8،000 ވުރެ ގިނަ ރާގޮނޑި ވަނީ ހިފައިފަ އެވެ.

ބުރުނީ ރައްޔިތުން ސިފަކުރާ ގޮތުގައި އެ ރަށަށް ރާގޮނޑި ތިލަވުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ރޯއްޖެކެވެ. އަދި ރައްޔިތުންގެ މެދުގައި އެކުވެރިކަން ދަމަހައްޓައިދޭ ވެސް ކަމެކެވެ.

ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ

ތ. ބުރުނީގައި "ރާގޮނޑި ހިފުން": އެ ރަށުގެ ކުދި ބޮޑު އެންމެ މިކަމުގައި ބައިވެރިވޭ.-- ފޮޓޯ: ޝިފޫ އެމްވީ

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ރަށުގެ ފަޅު ތެރެއަށް ރާގޮނޑި ވަންނަމުން އަންނައިރު، ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ މަސް ފަޅު ތެރެއަށް ވަންނަނީ އެ ރަށުގެ ހުޅަނގު ފަރާތުގެ ފަޅާއި ކަނޑާ ގުޅޭ ހިސާބު އޮންނަ ގޮތަކުން ކަމަށް ބެލެވެ އެވެ.

"އެ ދިމާލުން އޮއިގަނޑު ހުންނަ ގޮތަކުން މަސްތައް އައިސް ފަޅު ތެރެއަށް މި ވަންނަނީ،" އޭނާ ވިދާޅުވި އެވެ.

މިހާ ގިނަ އަދަދެއްގެ މަސް ކޮންމެ ދުވަހަކު ހިފަމުން އަންނައިރު، އެ ދުވަހެއްގައި ހިފާ މަސް ރަށުގެ ކޮންމެ ބޮލަކަށް ވަކި އަދަދަކަށް އަންނަނީ ބަހަމުންނެވެ. މި މަހުން އެއްޗެއްހި ތައްޔާރުކޮށް ރަށު ބޭރުކޮށް، އާމްދަނީ ހޯދުމާއި ރިހާކުރު ކެއްކުމާއި މަސް ހިއްކުން ފަދަ ކަންކަން ވެސް ކުރެ އެވެ.

މީގެ ކުރީ އަހަރުތަކުގައި އެ ރަށުގެ މީހުން އެއް ދުވަހުން 10،000 އަށް ވުރެ ގިނަ ރާގޮނޑި ވެސް ހިފާފައިވެ އެވެ.