Roadha Mihaaru

ރާއްޖޭން ބާނާ މަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކުރަނީ

ރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާ ކުންފުންނަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

ޗައިނާގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކޮށް ވިއްކަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 ޖުލައި 2025

ރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާ ކުންފުންނަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ.

އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެ، ޝިޔާމް ވަނީ މިއީ ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް އެ ކުންފުނިން ވަނީ އެ މަސްދަޅުތަކުގެ ސާމްޕަލް ދައްކާލައިފަ އެވެ.

"މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ލިޔުއްވާފައިވެ އެވެ.

ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.

ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެ އެވެ.