Roadha Mihaaru

ރާއްޖޭން ބާނާ މަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކުރާތީ ފާޑުކިޔަނީ

ރާއްޖޭން ބާނާ ކަނޑުމަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވުމަކީ މާކެޓްތަކުން ރާއްޖެއަށް ލިބޭ ފައިދާ ކުޑަވާނެ ގޮތެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރާއްޖޭން ބާނާ މަސް ޗައިނާގައި ބަންދުކުރާތީ ފާޑުކިޔަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ރާއްޖޭން ބާނާ ކަނޑުމަސް ޗައިނާގެ ކުންފުންޏަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވުމަކީ މާކެޓްތަކުން ރާއްޖެއަށް ލިބޭ ފައިދާ ކުޑަވާނެ ގޮތެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ. އެކަމަށް މަރުހަބާ ދަންނަވައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ އެއީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއް ކަމަށެެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.

"މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ލިއުއްވާފައިވެ އެވެ.

އެކަމަކު މިއީ ރާއްޖެއަށް ފައިދާ ކުޑަ ގޮތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އެ މީހުން ދެކޭ ގޮތުގައި ރޯމަސް އެކްސްޕޯޓްކޮށް، ބޮޑު ބައެއް ރިޖެކްޓްކޮށްގެން އޭގެއިން ނާޖައިޒު ފައިދާ ހޯދަން ލިބުނު ބޮޑު ކާމިޔާބީއަކަށް އެކަން ވެދާނެ އެވެ. އަދި ރާއްޖޭން ބާނާ މަސް ދަޅުގައި ބަންދުކޮށްފައި ވިއްކާ ނަމަ، އެއިން ލިބޭ މަންފާ ދެން ޗައިނާ އިން ނުލިބޭނެ ކަމަށާއި އެ ގައުމުން ފަޅު މަސް ވިއްކާ ގައުމުތަކަށް އަގު ހެޔޮކޮށް ވިއްކާ ނަމަ، އެ ގައުމުތައް މެދުވެރިކޮށް ރާއްޖެއަށް ލިބެންޖެހޭ ނަފާ ނުލިބޭނެ ކަމަށް ބުންޏެެވެ.

އެއީ، އެ މާކެޓުތަކުން ރާއްޖެއަށް ލިބޭ ފައިދާ ކުޑަވާނެ ކަމަށް ބުނެ ވެސް ނުރުހުންފާޅުކުރި އެވެ.

އެކްސްގައި ލޫކަސް ޖަލީލް ލިއެފައިވާ ގޮތުގައި މިކަން ކާމިޔާބީއަކަށް ވާނީ މިފްކޯގެ ފަސްމީރު މަސްދަޅު ޗައިނާއަށް އެކްސްޕޯޓުކޮށް ދުނިޔޭގެ ބާޒާރަށް ނެރުމުންނެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އެކްސްގައި ވިދާޅުވީ ޗައިނާ އިން ދަޅުގައި ބަންދުކޮށް، ލޭބަލް ޖަހައިގެން ދުނިޔޭގެ މާކެޓަށް ރާއްޖޭގެ މަސް ވިއްކުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފްކޯއަށް ބޭރުގެ އޯޑަރެއް ނުލިބޭތާ އެތައް މަހެއްވެ، ދަޅު މަސް ނެރެނީ ހަމައެކަނި ރާއްޖޭގެ މާކެޓަށެވެ.

މަސް ފެކްޓްރީ ހިންގަނީ ގެއްލުމުގައި ކަމަށާއި މަހުގެ އަގުތައް ވެސް ދަށްވުމުގެ ސަބަބުން އޭގެ އުނދަގޫ މަސްވެރިންނަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއާ އެކު ހެދި އެއްބަސްވުމަކީ މަސްވެރިންގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަކަށް ވިޔަސް އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތު ގެނބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެކްސްޕޯޓު ކުރާއިރު ވެލިއު އެޑް ނުކުރާ ނަމަ، އޭގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށާއި އޭގެ ފައިދާވާނީ އެހެން ބަޔަކަށް ކަމަށް އަމްރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭން ހިތްވަރު ދޭންވާނީ ޑޮމެސްޓިކް ޕްރޮސެސިން އާއި ވެލި އެޑެޑް ޕްރޮޑަކްޝަނަށް ކަމަށެވެ. ރާއްޖޭން ރޯމަސް އެކްސްޕޯޓުކޮށް، އެ ގައުމުތަކުން ވެލިއު އެޑްވާނެ މަސައްކަތްތައް ކުރަން ފުރުސަތުދޭ ނަމަ، ފަގީރު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނީ ކަމަށް ވިދާޅުވި އެވެ.

އެހެން މީހަކު ވެސް ބުނެފައިވާ ގޮތުގައި އެއީ ކާމިޔާބީއެއް ނޫން ކަމަށާއި ރާއްޖެއިން ރޯ މަސް ފޮނުވުމުން އެ ޕްރޮސެސްކޮޮށް އެއިން ފައިދާ ނަގަނީ އެ ގައުމުންނެވެ. ހަމަ އެއާއެކު ރާއްޖޭގެ ޓެރިފް ފައިސާ ގެއްލޭ ކަމަށް ބުނެ މީހުން ނުރުހުން ފާޅުކުރި އެވެ.

އެ ޚަބަރަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ޗައިނާގެ ކުންފުންޏަކަށް ވުރެ، ރާއްޖޭން އިތުރު މަސް ފެކްޓްރީއެއް ހަދައިގެން ކުރިއަށް ދިއުމަކީ ވެސް ރަނގަޅު ގޮތެކެވެ. ނުވަތަ މިފްކޯ އިން މިހާރު ހިންގަމުން އަންނަ މަސް ފެކްޓްރީގައި ވަސީލަތްތައް އިތުރުކޮށް އެތަނުގެ ހިންގުން ހަރުދާނާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.

ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެފައިވެ އެވެ.