Roadha Mihaaru
ނަޝީދު އުޅެނީ ރާއްޖެ އާއި ޗައިނާ ޖައްސަން: ޝިޔާމް

ނަޝީދު އުޅެނީ ރާއްޖެ އާއި ޗައިނާ ޖައްސަން: ޝިޔާމް

08 ޖުލައި 2019

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ރާއްޖެ އާއި ޗައިނާ ޖައްސަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ރާއްޖެ އާއި ޗައިނާ ޖައްސަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ހެދި އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ ޔާމީން ރައްޔިތުންނަށް ހިދުމަތް ކުރެއްވީ ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ.

ޔާމީންގެ ޒައާމަތުގައި ރާއްޖެ އަށް އައިސްފައި އޮތް ތަރައްގީ ރައްޔިތުންނަށް ފެންނަ ކަމަށާއި، ނަޝީދު އިސްކޮށް ހުންނަވައިގެން އުޅުއްވަނީ ޗައިނާއާ ވަރަށް ބޮޑަށް ޖައްސާލައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކުއްލި މައްސަލަ ހުށަހެޅުއްވި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ސަރުކާރުން ނުވަތަ ނަޝީދު ދެއްވި ލަނޑެކެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ 50 ޕަސެންޓު ހިއްސާކުރަނީ ޗައިނާގެ ޓޫރިސްޓުންނެވެ. ޗައިނާ ޓޫރިސްޓުން ރާއްޖެ އައުން މަދުވެ، ދިވެހި ވިޔަފާރިވެރިންނަށް ގެއްލުން ލިބޭ ކަމަށްވާ ނަމަ، އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ނަޝީދު ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އިންޑިއާ އާއި ރާއްޖެއާ ގުޅޭ އެއްބަސްވުމެއްގެ ރިޕޯޓު މަޖިލިހަށް އަންނާތީވެ، އޭގެ ކުރިން މީތި ރީތިކޮށްލުމަށް، ވަރަށް ބޮޑަށް ޗައިނާއާ ރާއްޖެ ޖެހޭ ގޮތަށް މެމްބަރަކު ލައްވައި ކުރައްވަމުން ގެންދަވާ ވަރަށް ޒިންމާދާރުކަން ކުޑަ މަސައްކަތެއްގެ ގޮތުގައި ކުއްލި މައްސަލަ ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝިޔާމް ވިދާޅުވި ގޮތުގައި އިސްލާމް ދީނާ ހިލާފު އަދި ދިވެހި ގައުމިއްޔަތާއި މިނިވަންކަން އެފުށް މިފުށަށް ޖަހާނެ ގޮތަށް ގާއިމުކުރާ އެއްބަސްވުންތައް ރައްޔިތުން ބާތިލް ކުރާނެ އެވެ. އަދި ޖީއެމްއާރު ރާއްޖެ އަންނަ ގޮތަށް ހަދާ ކޮންމެ އެއްބަސްވުމަކުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"(ޖީއެމްއާރުގެ) އެ އެއްބަސްވުމަކީ ބާތިލްވާނެ އެއްބަސްވުމެއް،" ޝިޔާމް ވިދާޅުވި އެވެ.

މެމްބަރު ނިހާދު ވިދާޅުވީ ޔާމީނަށް ބާރެއް ލިބިވަޑައިގަންނަވާ ދުވަހަކުން ސަރުކާރުގެ އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ ދައުލަތަށް ދިން އިންޒާރެއް ކަމަށެވެ. ނިހާދު ވިދާޅުވީ ޔާމީންގެ ސަރުކާރުން ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އެތައް އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެފަދަ ފަރާތަކުން މިފަދަ ވާހަކަތައް ދެއްކުމަކީ ނުރައްކަލެއް ކަމަށެވެ.

ޝިޔާމް އިޝާރާތްކުރައްވާފައި ވަނީ ކުރީގެ ރައީސް ނަޝީދު އާއި ޗައިނާގެ ސަފީރު ޒަންގް ލިއޮންއާ ދެމެދު ޓްވިޓާގައި ހިނގި ދެބަސްވުމަކަށެވެ. ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވުމުން، ޗައިނާގެ ސަފީރު ޒަވަނީ ރައްދު ދެއްވައިފަ އެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ހިތްހަމަޖެހިވަޑައިނުގަތީ، އިންޑިއާގެ ތިންކް ޓޭންކަކުން ބޭއްވި ކޮންފަރެންސްގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ޗައިނާ އަށް ރާއްޖެ ދަރާފައި އޮތް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސަފީރު ވިދާޅުވީ ރާއްޖެ އިން އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.53 ބިލިއަން ޑޮލަރު ކަމަށެވެ.