Roadha Mihaaru
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް

ރުފިޔާއިން މުއާމަލާތް ކުރަން ޗައިނާގެ މަރުކަޒީ ބޭންކާ އެކު އެއްބަސްވުމެއް

13 ސެޕްޓެމްބަރ 2024

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމުގެ މަގުފަހިކޮ ށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމުގެ މަގުފަހިކޮ ށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކޮށް، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

"މި ފަހުމުނާމާގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދ،ު ދެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާ އިން އިމްޕޯޓްކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ،" ދިވެހި ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅަކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެ އެވެ. މިވަގުތު، ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ޗައިނާ އިން މި އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 200،000 ހުރަސްކޮށްފަ އެވެ.

ރާއްޖޭގެ އިގުތިސާދާއި އަދި މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، ހާއްސަކޮށް ބޭރު ފައިސާއަށް އޮތް ޑިމާންޑު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާގެ އިތުރުން ރާއްޖޭން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑިއާއާ އެކު ވެސް ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން މަޝްވަރާތައް ވަނީ ފަށައިފަ އެވެ.