Roadha Mihaaru

ޔޫއެސް ޓެރިފް: ރާއްޖޭގެ އެކްސްޕޯޓަރުން އަސަރެއް ނުކުރާނެ، އެކަމަކު ފައިދާއެއް ހޯދިދާނެ

އެމެރިކާއަށް އެހެން ގައުމުތަކުން އެތެރެކުރާ މުދަލުގެ ޓެރިފަށް ގެނައި ބަދަލާ އެކު ރާއްޖެއިން އެ ގައުމަށް މުދާ އެކްސްޕޯޓު ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ރާއްޖޭގެ އެކްސްޕޯޓަރުން ބުނެފި އެވެ.

ޓެރިފް ބޮޑުވިޔަސް ދިވެހި އެކްސްޕޯޓަރުންނަށް އަސަރެއްނެތް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 އެޕްރީލް 2025

އެމެރިކާއަށް އެހެން ގައުމުތަކުން އެތެރެކުރާ މުދަލުގެ ޓެރިފަށް ގެނައި ބަދަލާ އެކު ރާއްޖެއިން އެ ގައުމަށް މުދާ އެކްސްޕޯޓު ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ރާއްޖޭގެ އެކްސްޕޯޓަރުން ބުނެފި އެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ އަދަދުތައް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވިއިރު، ރާއްޖެ ހިމެނެނީ 10 ޕަސެންޓްގެ ޓެރިފް ނަގާ ގައުމުތަކުގެ ތެރޭގަ އެވެ. އެއީ އެންމެ ކުޑަކޮށް ޓެރިފް ނަގާ ގައުމުތަކެވެ.

ރާއްޖެއިން އެންމެ ގިނައިން އެމެރިކާއަށް މަސް އެކްސްޕޯޓު ކުރާ ބިގް ފިޝްގެ ސީއީއޯ ޝާފިން އަހުމަދު ވިދާޅުވީ އެމެރިކާއަށް ޕްރޯޒަން ޓޫނާ އެކްސްޕޯޓު ކުރާއިރު އެންމެ ބޮޑު ވިޔަފާރީގެ ވާދަވެރިންނަކީ ވިއެޓްނާމާއި ފިލިޕީންސް އާއި ސްރީލަންކާ އާއި އިންޑޮނޭޝިއާ ފަދަ ގައުމުތައް ކަމަށެވެ.

އެމެރިކާ އިން ވިޔަފާރިއާ ގުޅޭ ޓެރިފްތަކަށް ގެނައި ބަދަލާ ގުޅިގެން، ވިއެޓްނާމުގެ އެކްސްޕޯޓަރުން އެމެރިކާއަށް އެތެރެކުރާ މުދަލަށް 46 ޕަސެންޓް ޓެރިފް ދައްކަން ޖެހެ އެވެ. އަދި ލަންކާއިން 44 ޕަސެންޓަށް ޓެރިފް ދައްކަން ޖެހޭއިރު، އިންޑޮނޭޝިއާ އިން 32 ޕަސެންޓް، އަދި ފިލިޕީންސް އިން 17 ޕަސެންޓްގެ ޓެރިފަށް ފައިސާ ދައްކަން ޖެހެ އެވެ.

ޝާފިން ވިދާޅުވީ ކުރިން އެމެރިކާއަށް އެއްވެސް ޓެރިފަކާ ނުލައި އެކްސްޕޯޓުކުރި ވިއެޓްނާމުން 40 ފަސެންޓަށް ވުރެ ބޮޑު އަދަދެއް ޓެރިފަށް ދައްކަން ޖެހުމުން، އެ ތަންތަނުގެ އެކްސްޕޯޓު ކުރާ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން މިހާރެކޭ ވެސް އެއްފަދައިން އަގުތަކަށް މާ ބޮޑު ބަދަލެއް ނުގެނެސް، އެމެރިކާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވްރެޖުކޮށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދޭއް ނޫނީ ތިން ފްރޯޒަން ޓޫނާގެ ކޮންޓެއިނާ ފޮނުވަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބިގް ފިޝް އިން އެކަނި އެމެރިކާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން މަހެއްގެ މައްޗަށް ދެ މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ރާއްޖެއިން އެމެރިކާއަށް ރޯ މަސް އެކްސްޕޯޓް ކުރާ އެންސިސްގެ ކޮމާޝަލް ޑައިރެކްޓާ ހުސެއިން އަފީފު ވިދާޅުވީ އެ ކުންފުނިން ރޯ މަސް އެމެރިކާއަށް އެކްސްޕޯޓު ކުރި ނަމަވެސް އެކްސްޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ސަބަބަކީ ބޭނުންވާ ސައިޒާއި ކޮލިޓީގެ މަސް ނުލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެމެރިކާއިން ޓެރިފަށް ބަދަލެއް ގެނައި ނަމަވެސް، އޭގެ އެންމެ އެދެވޭ ފައިދާ ރާއްޖެއަށް ހޯދަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރަށް ބަލާ އިރު ޔޫއެސްއަށް ފޮނުވާ ކޮލިޓީ އާއި ސައިޒު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. ކުރީގެ 2017 ވަނަ އަހަރު ހިސާބުގައި ލިބުނު ފަދަ ސައިޒުތައް އެކްސްޕޯޓުކޮށްފި ނަމަ ލަންކާ ފަދަ ގައުމުތަކަށް އެޑްވާންޓޭޖެއް ލިބޭނެ. އެކަމަކު މިއީ ސެލެބްރޭޓު ކުރާ ވަރު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ މަހުގެ އެކްސްޕޯޓު ވަނީ 50 ޕަސެންޓަށް ދަށްވެފަ އެވެ. އެމެރިކާއިން ނަގާ ޓެރިފަށް ބަދަލު ނުގެނައި ނަމަވެސް، އެކަމުން ރާއްޖެއަށް ފައިދާ ހޯދޭނީ އެކްސްޕޯޓުގެ އަދަދު އިތުރު ކުރުމުން ކަމަށް އެކްސްޕޯޓަރުން ފާހަގަކުރެ އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއިން އެމެރިކާއަށް ގާތްގަނޑަކަށް 4 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަޅުބިލަ މަހާއި ކަންނެލީގެ އިތުރުން ހުއިފިލަނޑާ ވެސް ހިމެނެ އެވެ.