Roadha Mihaaru
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ

ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ، ކަނޑުމަހަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސް!

16 ޖުލައި 2024

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައި ވާތީ އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފްކޯ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވުމާ ގުޅިގެން އެ ކުންފުންޏަށް ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށެވެ. ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،" މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ދަޅުމަހުގެ އެއްވެސް ލިމިޓެއް ނެތް ކަމަށާއި ބޭނުންވަރަކަށް ލިބޭނެ ކަމށެވެ. ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެން ކަމަށް މިފްކޯ އިން ބުންޏެވެ.

"މި ހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ. ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިން ވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތީ. އެކަމަކު މަސްވެރިކަން ރަނގަޅުވުމާ އެކު، ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެ،" މިފްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ދެކުނުގެ ރަށެއްގެ މަސްވެރިއަކު ބުނިގޮތުގައި، މި ދުވަސްވަރު މަސްވެރިކަން ދަށްވެފައި ވަނީ މަސް ބާނާ ވަރު ވަރަށް ބޮޑަށް މަދުވުމާއި ސަރުކާރުން މަހުގެ އަގު ދަށްކޮށްފައި ވާތީ ކަނޑުމަހުގެ މަސްވެރިކަމަށް ދިއުން ވެސް މަދުވެފައި ވާތީ އެވެ.

"އެހާ މަދުން ބޭނޭއިރު، ކަނޑުމަހަށް ގޮސްގެން އެ ލިބޭ މަސްކޮޅު ކިރާލައިގެން ލިބޭނެ ކުޑަ ރުފިޔާ ކޮޅުން ދެކޮޅު ނުޖެހޭނެތީ މަސްވެރިން މިހާރު ކަނޑުމަހަށް ނުދަނީ،" އޭނާ ބުންޏެވެ.

"އެން ވެސް އެބައޮތް، މަސް ވެސް އެބައޮތް، އެކަމަކު އަގު ދަށްކުރީމާ މަސްވެރިން މިހާރު ކަނޑުމަހަށް ނުދަނީ."

މިފްކޯގެ ބޯޓަށް މަސްކިރުވުމަށް މަސްދާންޏަކުން ދާގަނޑަށް މަސްއަޅަނީ: ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ވަނީ ހުސްވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ ބޯޓަށް މަސްކިރުވުމަށް މަސްދާންޏަކުން ދާގަނޑަށް މަސްއަޅަނީ: ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ވަނީ ހުސްވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބައެއް ރަށްރަށުގެ މަސްދޯނިތަކުން ކަނޑުމަހަށް ނުދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް ބައެއް މަސްވެރިން ބުންޏެވެ.

ސަރުކާރު މަސް ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަންނަން ފެށީ މިދިޔަ މަހު 21 ގަ އެވެ. މިފްކޯއިން އެގޮތަށް ނިންމީ އެ ކުންފުނިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީ އަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަން ޖެހޭ ފައިސާ އާއި މަސް ގަނެ ޕްރޮސެސްކޮށް ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވުމުންނެވެ. އެކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގަ އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 18-20 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

މަހުގެ އަގު ބާޒާރާ އެއްވަރަށް ކުޑަކުރުމަށް ކަމާ ގުޅޭ ތަޖުރިބާކާރުން ގޮވާލި ނަމަވެސް އެކަން ނުކުރާތީ ގިނަ ފަހަރަށް މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދިނުން ލަސްވެ އެވެ. އެ މައްސަލާގައި މި ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް މަސްވެރިން ވަނީ ވަރަށް ގިނަ މުޒާހަރާތައް ވެސް ކޮށްފަ އެވެ.