Roadha Mihaaru
މަސް ގަންނަން 2.4 ބިލިއަން ރުފިޔާ މިފްކޯއިން ހޭދަކޮށްފި

މަސް ގަތުމަށް މިފްކޯ އިން ތިން އަހަރުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފި

22 ނޮވެމްބަރ 2021

މަސް ގަތުމަށްޓަކައި މިފްކޯ އިން ތިން އަހަރުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސް ގަތުމަށްޓަކައި މިފްކޯ އިން ތިން އަހަރުގެ ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، މި ސަރުކާރުގެ މިދިޔަ ތިން އަހަރުގެ މުއްދަތުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސް ކިރުވުމަށް ފަހު، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުން ކަމަށެވެ.

ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މިފްކޯ އިން މަސްވެރިންނަށް 39 މިލިއަން ރުފިޔާ ދޭން ޖެހިފައި އޮތެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ވަނީ މަސްވެރިންނަށް ދީ، ހަލާސްކޮށްފަ އެވެ.

މިފްކޯއިން ބުނިގޮތުގައި، ކޮވިޑާ ގުޅިގެން މުޅި ދުނިޔެ ބަންދުކޮށްފައި އޮތް އިރު ވެސް ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރީ މަސްވެރިންނެވެ.

އެ ކުންފުނީގެ މި ތިން އަހަރު ކާމިޔާބީއަކީ މިފްކޯގެ ބޯޓުފަހަރާއި ސެންޓަރުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތް ކަމަށް މިފްކޯ އިން ބުނެ އެވެ.

އެ ކުންފުނިން 2019 ގައި ވަނީ 39،000 މެޓްރިކް ޓަނުގެ ފިނިކުރި ކަނޑުމަސް އެކްސްޕޯޓުކޮށްފަ އެވެ. އަދި 2020 ގައި 33،000 ޓަނު، މި އަހަރުގެ މިހާތަނަށް 37،000 ޓަނުގެ ފިނިކުރި މަސް އެކްސްޕޯޓުކޮށްފައި ވެ އެވެ.

މިފްކޯ އިން ވަނީ ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް ގެނެސްފަ އެވެ. އަދި މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ކެރިއަރެއް ގެނެސްފައި ވެ އެވެ.

މަސް ގަންނަ މަރުކަޒުތަކުގެ އިތުރުން މ. މުލަކާއި ގދ. ތިނަދޫގައި މަސް ގަންނަ މަރުކަޒުތައް ހެދުމުގެ މަސައްކަތް މިފްކޯ އިން އަންނަނީ ކުރަމުންނެވެ. އެ ދެ ރަށުގައި ދުވާލަކަށް 100 ޓަނުގެ މަސް ފްރީޒް ކުރެވޭ އަދި 1،000 ޓަނާއި 500 ޓަނާ ދެމެދު މަސް ރައްކާކުރެވޭ ފެސިލިޓީއެއް ވެސް ހަދާނެ އެވެ.