Roadha Mihaaru
މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 25ރ. އަށް ބޮޑުކޮށްފި

15 ސެޕްޓެމްބަރ 2023

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު މާދަމާއިން ފެށިގެން 25ރ. އަށް ބޮޑުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު މާދަމާއިން ފެށިގެން 25ރ. އަށް ބޮޑުކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް މިރޭ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ވެސް އޮގަސްޓް މަހުން ފެށިގެން މަސްވެރިކަން ތިޔާގިވެފައިވާ ކަމަށެވެ. އެކަމަކު، ކަނޑަށް ނުކުންނަ ދޯނިފަހަރުގެ އަދަދު މަދުވަމުންދާ ކަމަށާއި، މަސް ކިލޯއެއް ގަންނަ އަގުބޮޑުކުރަން ނިންމީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނިން މަސް ކިލޯއެއް މިހާރު ގަންނަނީ 17ރ. އަށެވެ. އެކަމަކު، އެ ކުންފުންޏަށް ކިރާ މަސްތަކުން މާދަމާއިން ފެށިގެން ގަންނާނީ 25ރ. އަށެވެ.

މަސް ގަންނަ އަގު ބޮޑުކުރިއިރު، ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ދާ ކަމަށް ސަރުކާރުން މީގެ ކުރިން ބުންޏަސް، އޭގެ އެންމެ ފަހުގެ ތަފްސީލެއް ނުލިބެ އެވެ.

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

މަހުގެ އަގު މިހާރު ހުރި އަގަށް ވުރެ ބޮޑު ކުރުމަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރޭގައި ބައެއް ކެންޑިޑޭޓުން ވެ ވަޑައިގެންފައިވާ ވައުދެކެވެ.