Roadha Mihaaru
އެކްސްޕޯޓަރުން އެދެނީ ސަބްސިޑީ މަސްވެރިންނަށް ދޭން

އެކްސްޕޯޓަރުން އެދެނީ ސަބްސިޑީ މަސްވެރިންނަށް ދޭން

28 ސެޕްޓެމްބަރ 2023

ވަކި ކުންފުންޏަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް އެ ފައިސާ ލިބޭ ގޮތް ހަދަން، މަސް އެކްސްޕޯޓުކުރާ އަމިއްލަ ކުންފުނިތަކުގެ ޖަމިއްޔާ، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ގޮވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވަކި ކުންފުންޏަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް އެ ފައިސާ ލިބޭ ގޮތް ހަދަން، މަސް އެކްސްޕޯޓުކުރާ އަމިއްލަ ކުންފުނިތަކުގެ ޖަމިއްޔާ، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ގޮވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ސަރުކާރު ކުންފުނި މިފްކޯއިން ކަނޑުމަހުގެ އަގު ބޮޑުކުރިކަމުގައި ވިޔަސް އެ ކުންފުނި ހިންގަނީ ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ސަބްސިޑީ ދީގެން ކަމަށްވާ އިރު އެ އަގުގައި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް އެކަން ކުރާ ނަމަ، މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ، މަހުގެ އަގަށް ގެނައި ކުއްލި ބަދަލާ އެކު ރާއްޖޭގެ މަހުގެ ބާވަތްތަކަށް ބޭރު މާކެޓުތަކުގައި މިހާރު ލިބިފައި އޮތް މާކެޓު ޕޮޒިޝަން ގެއްލި، ވާދަކުރަމުން ގެންދާ ބޭރުގެ އެހެން ސަޕްލަޔަރުންނާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު އިތުރަށް ހަނިވާނެ ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ މިފްކޯއިން މަސް ވިއްކާ އަގު ކިލޯއެއް 25ރ. އަށް ބޮޑުކޮށްފަ އެވެ. ރާއްޖެއިން އެކްސްޕޯޓުކުރާ ކަނޑުމަހުގެ 70 ޕަސެންޓަކީ ރޯމަހުގެ ގޮތުގައި އެކްސްޕޯޓުކުރާ އިރު 25ރ. އަށް މަސް ގަންނަ ނަމަ، މިފްކޯއަށް އެއް ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އެމްއެސްޕީއީއޭ އިން ބުންޏެވެ. އެކަމުން އަރައިގަތުމަށް ސަރުކާރުން އެހީތެރިވާ އިރު ޕްރައިވެޓް ސެކްޓަރަށް އެ ގެއްލުމުން އަރައިގަތުމަށް އެހީ ނުލިބޭ ކަމަށާއި އެކަމުގެ ހައްލަކަށް ވާނީ ވަކި ކުންފުންޏަކަށް ސަބްސިޑީ ނުދީ ސީދާ މަސްވެރިންނަށް އެ ފައިސާ ދިނުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.