Roadha Mihaaru
100 ކިލޯގެ މަހެއް: ބޮޑު ބައި މިޔަރު ކާލައިފި!

100 ކިލޯގެ މަހެއް: ބޭނުނު އިރު ބޮޑު ބައި މިޔަރު ކާލައިފި!

29 ޖެނުއަރީ 2017

ބޮޑެތި ސިންގާ މަސް ބޭނުމަކީ އަބްދުﷲ އާނިފް އަށް ފަހަރެއްގައި އާ ކަމަކަށް ނުވެ ހިނގައިދާނެ އެވެ. މަސްވެރިކަމުގައި އެ ޒުވާނާ ނުކުރާ ތަޖުރިބާއެއް ވަރަށް މަދުވާނެ އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހަކީ އައްޑޫ ހިތަދު އަށް އުފަން ޒުވާން މަސްވެރިޔާ އަށް މުޅިން އާ ކަމެއް ފެނިގެން ދިޔަ ދުވަހެކެވެ. ސަތޭކަ ކިލޯގެ ވޮށިމަސް ކަންނެއްޔެއްގެ ނަސީބު އޭނާ އަށް ލައްވާލީ އެ ދުވަހެވެ. އެކަމަކު ކަން ވެ ނިމުނު އިރު މަންޒަރު ފެނުނީ މުޅިން އެހެން ގޮތަކަށެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަތޭކަ ކިލޯގެ މަހެއް ބޭނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އައްޑޫ ގަމާ ކައިރީގައި އޮންނަ ކަނޑުއޮޅިއެއް ކައިރިން، ބުޅީގައި މަސް އަޅައިގަތުމާ އެކު، އެ ބިޔަ މަސް ލޯންޗަށް ނަގަން ބައިގަޑިއިރު ހޭދަވި އެވެ. އެކަމަކު ދޮއްޓަކުން މަސް ނަގައި ލޯންޗަށް އެރުވިއިރު، މަހުގެ ބޮޑު ބައި އޮތީ ކާލައިފަ އެވެ. ގާތްގަނޑަކަށް 50 ކިލޯ މަދެވެ.

އާނިފް ރޭ ބުނި ގޮތުގައި "ބުޅީގައި މަސް ޖެހުނުއިރު، މިޔަރުތަކެއް އައިސް މަސް ވަށާލީ" އެވެ.

"މިދިޔަ ހުކުރު ނަމާދުން ފައިބައިގެން ހަ މީހުންނާ އެކު ދިޔައީ ލޯންޗުގައި، އެއީ ހަމަ އަލަށް ލޯންޗެއް ގަނެގެން ފުރަތަމަ ކުރި ދަތުރު،" ސްޕޯޓްސް ފިޝިން ކުރިއަރުވަން މަސައްކަތް ކުރާ އާނިފް ބުންޏެވެ.

ބަރުދަނުގައި 100 ކިލޯ ހުރި ވޮށި މަސް ބޭނުމަށް އާނިފް މަސައްކަތް ކުރަނީ. - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިން

ބަރުދަނުގައި 100 ކިލޯ ހުރި ވޮށި މަސް ބޭނުމަށް އާނިފް މަސައްކަތް ކުރަނީ. - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިން

އާންމުކޮށް ބާނަން އުނދަގޫ މި މަސް އާނިފް އަށް ބޭނުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"މަސް ރަށަށް ގެނެސް، ރެސްޓޯރަންޓެއް ހިންގާ މީހަކަށް ހިލޭ ދިނީ،" ސްޕޯޓްސް ފިޝިން އަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ އާނިފް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ ކުރާ އުންމީދަކީ ވިޔަފާރިއެއްގެ ގޮތުގައި ދާއިރާއިން ކުރިއަށް ދިއުމެވެ. ލޯންޗެއް ގަތީ މަސްވެރިކަން އިތުރަށް ފުޅާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާގެ އަޒުމަކީ ސްޕޯޓްސް ފިޝިން ޓޫރިޒަމް ތައާރަފްކޮށް، ވިޔަފާރި އިތުރަށް ފުޅާކުރުމެވެ.

"ބޮޑު މަސް ބޭނުމާ ގުޅިގެން ވަރަށް ގިނަ ޓޫރިސްޓުން ވެސް ޝައުގުވެރިވޭ އެބަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްޕޯޓްސް ފިޝިންއަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަންކަން،" އޭނާ ބުންޏެވެ.

ބަރުދަނުގައި 100 ކިލޯ އަދި ދިގުމިނުގައި ފަސް ފޫޓު ހުރި ވޮށި މަސް. މިއީ އާންމުކޮށް ނުބޭނޭ ވައްތަރެއްގެ ބޮޑު މަހެއް. - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިން

ބަރުދަނުގައި 100 ކިލޯ އަދި ދިގުމިނުގައި ފަސް ފޫޓު ހުރި ވޮށި މަސް. މިއީ އާންމުކޮށް ނުބޭނޭ ވައްތަރެއްގެ ބޮޑު މަހެއް. - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިން

ވޮށި މަސް ކަންނެލީގެ ތެރެއިން އެންމެ ބޮޑު މަހެއްގެ ބަރުދަނުގައި 130 ކިލޯ ހުރެ އެވެ. އާންމުކޮށް މި ވައްތަރުގެ ކަންނެލި އުޅެނީ އިންޑިއާ ކަނޑުގެ އިތުރުން ޕެސިފިކް ކަނޑާއި ރަތް ކަނޑުގަ އެވެ. މިއީ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަގުބޫލު މަހެކެވެ.