Roadha Mihaaru
ބާސެލޯނާ އެކްސްޕޯގައި ދިވެހި މަހަށް ސަމާލުކަން

ހަތަރު ޝިޔާރަކާ އެކު ދިވެހި ކަނޑު މަސް ޔޫރަޕްގައި މާކެޓްކުރަން ފަށައިފި

28 އެޕްރީލް 2022

މުހިންމު ހަތަރު ސްލޯގަނަކާ އެކު ދިވެހި ކަނޑުމަސް ޔޫރަޕްގައި މާކެޓް ކުރަން ފަށައިފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މުހިންމު ހަތަރު ސްލޯގަނަކާ އެކު ދިވެހި ކަނޑުމަސް ޔޫރަޕްގައި މާކެޓް ކުރަން ފަށައިފި އެވެ.

އެ ހަތަރު ސްލޯގަނަކީ؛

1. ފަހަރަކު މަހެއް ބޭނޭ މަސްވެރިކަން

2. މަސް ބާނާއިރު އެހެން ދިރުމަކަށް ގެއްލުން ނުލިބުން

3. ތެލުގެ ހަރަދު ކުޑަ މަސްވެރިކަން

4. ހަމަހަމަކަމާ އެކު މަސްވެރިންނަށް މަންފާ ލިބިދެވޭ މަސްވެރިކަން

މި ހަތަރު ސްލޯގަންގެ ކެމްޕޭނަކީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އިފްތިތާހުކޮށްދެއްވި ކެމްޕޭނެކެވެ.

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބިގްފިޝް އެކްސްޕޯ އަށް ޒިޔާރަތްކުރި ބަޔަކަށް މައުލޫމާތު ދެނީ

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބިގްފިޝް އެކްސްޕޯ އަށް ޒިޔާރަތްކުރި ބަޔަކަށް މައުލޫމާތު ދެނީ

އެ ސްލޯގަންތަކާ އެކު ރާއްޖޭގެ މަސް އެކްސްޕޯޓަރުން ވަނީ، ސްޕެއިންގެ ބާސެލޯނާގައި އިއްޔެ ނިމުނު، ދުނިޔޭގެ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ބައިވެރިވެފަ އެވެ. ދެ ދުވަހަށް ބޭއްވި އެކްސްޕޯގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް އަދި ބިގްްފިޝް އާއި އޯޝަން ސީފުޑް އެވެ. މި އެކްސްޕޯގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އިނގިރޭސިވިލާތަށް ކަނޑަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވެސް ބައިވެރިވެވަޑައިގަތެވެ.

އެކްސްޕޯ އަށް ވަޑައިގެން ހުންނަވައި، ބިގްފިޝްގެ މެނެޖިން ޑިރެކްޓަރު އަހުމަދު ލަތީފު ވިދާޅުވީ ވަރަށް ރީތިކޮށް ހަދާފައިވާ ރާއްޖޭގެ ސްޓޯލްްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތް ބައެއް ދިވެހި ބޭފުޅުން

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތް ބައެއް ދިވެހި ބޭފުޅުން

"މިއީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ފެއާ ބޭއްވި ފަހަރު ވީމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑުމެންގެ ސްޓޯލްތައް އެހެން އަހަރުތަކަށް ވުރެ މާ ރީތިކޮށް މިފަހަރު ހެދީ ވެސް. އެހެންވެ ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ޔޫރަޕްގައި ފެށި އާ ކެމްޕޭން ވެސް ފެއާ އަށް ދިޔަ މީހުންނަށް ވަރަށް ކަމުދިޔަ ކަމަށެވެ.

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބިގްފިޝް އެކްސްޕޯ އަށް ޒިޔާރަތްކުރި ބަޔަކަށް މައުލޫމާތު ދެނީ

ބާސެލޯނާގައި ނިމުނު ސީފުޑް އެކްސްޕޯގައި ބިގްފިޝް އެކްސްޕޯ އަށް ޒިޔާރަތްކުރި ބަޔަކަށް މައުލޫމާތު ދެނީ

"މަސްވެރިކަމުގައި ވަރަށް ތަފާތު ކަންކަން އެހެރީ އަޅުގަނޑުމެންގެ ސްލޯގަންތަކުގައި. އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ތާނގައި ވެސް ހަމަ އެ ޝިޔާރުތަކުގެ ދަށުންް ޔޫރަޕްގައި ރާއްޖޭގެ މަސް މާކެޓްކުރަން،" އޭނާ ވިދާޅުވި އެވެ.

މެދުނުކެނޑި 20 އަހަރު ވަންދެން "ސީފުޑް އެސްޕޯ ގްލޯބަލް" މީގެ ކުރިން ބާއްވާފައި ވަނީ ބެލްޖިއަމްގެ ބްރަސަލްސްގަ އެވެ. އެކަމަކު ކޮވިޑްގެ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާސެލޯނާ އަށް އެކްސްޕޯ ބަދަލުކޮށް، އަލުން ފެށީ އެވެ. މި އެކްސްޕޯ އަކީ ދުނިޔޭގެ އެކި ގައުމުތަކުން އެތައް ސަތޭކަ އެކްސްޕޯޓަރުން ބައިވެރިވާ އެކްސްޕޯ އެކެވެ.