Roadha Mihaaru
މަސްވެރިކަން ދަށްވެ ކަންނެލި ކިލޯއެއް 100ރ. އަށް

މަސްވެރިކަން ދަށްވެ ކަންނެލި ކިލޯއެއް 100ރ. އަށް އަރައިފި

08 އެޕްރީލް 2021

ކަންނެލީގެ މަސްވެރިކަން ދަށްވެ ކިލޯއެއް ގަންނަ އަގު 100ރ. އަށް އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަންނެލީގެ މަސްވެރިކަން ދަށްވެ ކިލޯއެއް ގަންނަ އަގު 100ރ. އަށް އަރައިފި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މީހުންގެ ޔޫނިއަނުން އާއްމުކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު، ގިނަ ކުންފުނިތަކުން 30 ކިލޯ އަށް ވުރެ ބޮޑު ކަންނެލި ގަންނަނީ ކިލޯއެއް 100ރ. އަށެވެ. އެ އަށް ވުރެ ކުޑަ ކަންނެލި ގަންނަނީ ކިލޯއެއް 60ރ. އަށެވެ.

މި އަގުގައި ކަންނެލި ގަންނަ ކުންފުނިތަކުގެ ތެރޭގައި ބިގް ފިޝް އާއި އޯޝަން ފްރެޝް އާއި ޔޫރޯ ގްލޯބަލް އާއި ސިއެމްއެފް އަދި ހިންމަފުށި އެމްކިޔުއެސް ހިމެނެ އެވެ. އެންސިސް އާއި އޯޝަން ހަންޓާސް އަދި ސީސްޕަޔާ އިން ބޮޑު ކަންނެލި ކިލޯއެއް ގަންނަނީ 90ރ. އަށެވެ.

ކުރިން ބޮޑު ކަންނެލި ކިލޯއެއް ގަންނަމުން އައީ 40ރ. އާއި 60ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ މީހެއް ކަމަށްވާ ޝިޔާހު ރަޝީދު ބުނީ ކަންނެލީގެ އަގު އުފުލިފައިވަނީ މި ދުވަސްވަރު މޫސުމުގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާތީ ކަމަށެވެ. މިގޮތަށް ދާ ނަމަ އަންނަ ހަފުތާގައި ފަށާ ރޯދަ މަހު ކަންނެލީގެ މަސްވެރިކަން އެއްކޮށް ހުއްޓުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން މި ކުރަނީ 300 އެއްހާ ދޯނިން. އޭގެ ތެރެއިން ދެތިން ދޯންޏަށް ކަންނެލި ބޭނެނީ. އެ ވެސް ވަރަށް މަދުން. އެހެންވެ އަސްލު އަގު އުފުލުނީ. ރަނގަޅަށް ބާނާ ފަހަރުތަކުގައި އަގު ވަރަށް ބޮޑަށް ދަށްވޭ،" ޝިޔާހު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެހެން އަހަރުތަކުގައި ޑިސެމްބަރު މަހުގެ ފަހުން މޫސުން ރަނގަޅުވެ، މަސްވެރިކަން ވަރަށް ތިޔާގިވެ އެވެ.