Roadha Mihaaru
"މެޗުގައި ކުޅުންތެރިންނަށް ހެޑްފޯން ދޭން ޖެހޭ"

މެޗުގައި ކުޅުންތެރިންނާ ވާހަކަ ދެއްކޭނެގޮތަށް ހެޑްފޯން ދޭން ޖެހޭ: ނާގެލްސްމަން

19 ސެޕްޓެމްބަރ 2021

މިޔުނިކު (ސެޕްޓެމްބަރު 19) - ފުޓްބޯޅަ އަށް ޓެކްނޮލޮޖީގެ އިންގްލާބެއް އަންނަން ޖެހޭ ކަމަށް، ބަޔާން މިޔުނިކްގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކު (ސެޕްޓެމްބަރު 19) - ފުޓްބޯޅަ އަށް ޓެކްނޮލޮޖީގެ އިންގްލާބެއް އަންނަން ޖެހޭ ކަމަށް، ބަޔާން މިޔުނިކްގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ނާގެލްސްމަން އަކީ ޒަމާނީ ފުޓްބޯޅައިގައި މިހާރު އެންމެ މަޝްހޫރު ޓެކްޓިކްސް ކޯޗެވެ. އުމުރުން 34 އަހަރު ވިޔަސް ފުޓްބޯޅަ އަށް ގެންނަ އާ ބަދަލު އޭނާ އަށް ފަރިތަ އެެވެ.

މިފަހަރު އޭނާ ގެންނަން މި ހުށަހަޅަނީ ޓެކްޓިކްސް ބަދަލެއް ނޫނެނެވެ. ޓެކްނޮލޮޖީގެ ރޮނގުން ބޮޑު އިންގްލާބެއް އަންނަން ޖެހޭ ކަން އޭނާ ފާހަގަ ކުރި އެވެ. ނާގެލްސްމަން މިސާލު ދެއްކީ އެމެރިކާގެ އެންމެ މަޝްހޫރު އެއް ކުޅިވަރު، އެމެރިކަން ފުޓްބޯޅައިންނެވެ.

އެމެރިކަން ފުޓްބޯޅަ ކުއާޓާ ބެކް (އޮފެންސް) ގައި ކުޅޭ ކުޅުންތެރިންނަށް ހެޑް ސެޓް ދީފައި ހުރެ އެވެ. އެއީ ޓީމުގެ ކޯޗާ މުއާމަލާތް ކުރުމަށެވެ.

"އެމެރިކަން ފުޓްބޯޅަ މިހާރު މާ ބޮޑަށް ޓެކްނޮލޮޖީ ވެއްޖެ. ފުޓްބޯޅަ އަށް ވުރެ މާބޮޑަށް އެ ކުޅިވަރު އެޑްވާންސް ވެއްޖެ. ކުއާޓާ ބެކުގައި ކުޅުންތެރިންގެ ކަންފަތުގައި އޮވޭ އިއާޕީސްއެއް. ކޯޗު ދޭ އިރުޝާދު އަޑުހަން. ފުޓްބޯޅަ އަށް އެކަހަލަ ކޮންމެން ވެސް ކަމެއް އަހަރެމެން އެބަ ބޭނުންވޭ،" ނާގެލްސްމަން ބުންޏެވެ.

"ފުޓްބޯޅަ ކޯޗެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އެކަހަލަ ކަމަކުން ވަރަށް ގިނަ ކަންކަން ހާސިލު ކުރެވޭނެ."

އޭނާ ބުނީ ދަނޑުގައި އަޑުގަދަ ކަމުން ކުޅުންތެރިންނާ ރަނގަޅަށް ވާހާކަ ދައްކަން އުނދަގޫވާ ކަމަށެވެ.

"މެޗުގެ ވަގުތުގައި ޓެކްޓިކްސް އާއި ގޭމް ޕްލޭންއާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދައްކާލަން މި ލިބެނީ ހާފް ޓައިމްގައި އެކަނި."

ކުޅުންތެރިންނަށް އިއާ ޕީސް ދިނުމުން އެކަން ތަފާތުވާނެ ކަމަށް ނާގެލްސްމަން ބުންޏެވެ.