Roadha Mihaaru
ޔޫރަޕުން އެންމެ އަވަހަށް ފަށާނީ ޖަރުމަނު ލީގު

ކޮވިޑް-19: ޔޫރަޕުން އެންމެ އަވަހަށް ފަށާނީ ޖަރުމަނު ލީގު

22 އެޕްރީލް 2020

ބާލިން (އޭޕްރީލް 22) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާނީ ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން (އޭޕްރީލް 22) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ތެރެއިން އެންމެ އަވަހަށް ފަށާނީ ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑް-19 ޖަރުމަނުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ޖަރުމަން ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި މީހުން އެއްވެ އުޅުމުގައި ކަނޑައެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ. އޭގެ ތެރެއިން ލިބޭ ފުރުސަތެއްގައި އަލުން ފުޓްބޯޅަ ސީޒަން ފަށަން ވެސް މިހާރު ވަނީ އަމާޒުހިފައިފަ އެވެ.

ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މެދުކަނޑާލީ މިދިޔަ މަހު 13 ވަނަ ދުވަހު އެވެ. އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލްވަމުންދާކަން ސަރުކާރުން އިއުލާނުކުރުމާ އެކު ޖަރުމަނުގެ ކްލަބްތަކުން އަންނަނީ ޕްރެކްޓިސް ފަށަމުންނެވެ. އެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ފިޒިކަލް ޑިސްޓެންސިން އުސޫލާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަ އެވެ. އެ ގައުމުގެ 18 ކްލަބަކުން ޕްރެކްޓިސް ފެށިތާ މިހާރު ތިން ހަފްތާ ވެއްޖެ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ އަންނަ މަހު ނުވަ ވަނަ ދުވަހު ސަޕޯޓަރުން ނުވައްދައި މެޗުތައް ފެށުމަށެވެ. ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ނިންމީ ޖަރުމަނު ސަރުކާރުން އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކުރުމަށެވެ. ޖަރުމަނު ސަރުކާރުން ވަނީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ބޮޑެތި ހަރަކާތްތައް އޮގަސްޓް 31 އަށް މަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ކްލަބްތަކާ އެކު މެޗުތައް އަލުން ފަށާނެ ތާރީހެއް ކަނޑައެޅުމަށް މަޝްވަރާކުރާނެ އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ބާއްވާ މި ބައްދަލުވުމުގައި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތްތަކެއްގެ ޕްލޭންތަކެއް ވެސް ހުށަހަޅާނެ އެވެ. އޭގެ ތެރޭގައި ކްލަބްތަކަށް ފައިސާގެ އެހީ ދޭނެ ސްކީމްތަކެއް އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނުގައި ފުޓްބޯޅަ ކުޅުން އަލުން ފަށަން މަސައްކަތްކުރާތީ ސިޔާސީ ގިނަ ފަރާތްތަކެއް ވަނީ އެކަމާ މެދުހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ޖަރުމަނު ސަރުކާރާ އެކު ފުޓްބޯޅަ ފެޑެރޭޝަނުން މި ހަފްތާގައި ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާ މެދު ސަރުކާރުން ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ރަސްމީކޮށް އިއުލާނުކުރާނީ އަންނަ ހަފްތާ ތެރޭގަ އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖޫން 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން އަމާޒުހިފައިފަ އެވެ. އެ ގޮތަަށް އެކަން ކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ކްލަބްތަށް ބަނގުރޫޓްވުމުން ސަލާމަތްކުރުމަށް ކަމަށް އެ ފެޑެރޭޝަނުން މައުލޫމާތު ދެ އެވެ. އެ ގޮތުން މި ސީޒަން ފުރިހަމަ ނުކޮށްފިނަމަ ޓީވީ ރައިޓްސް އާމްދަނީގެ ތެރެއިން 326 މިލިއަން ޑޮލަރު ގެއްލޭނެ އެވެ. މި ފައިސާ ނުލިބިއްޖެނަމަ ސަބަބުން ޖަރުމަނުގެ އެންމެ މަތީ ދެ ޑިވިޝަނުގެ 13 ކްލަބެއް ނެތިދިއުމުގެ ބިރު ވެސް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.